އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 284،327 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށާއި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ގެޒެޓުކޮށްފައިވާ ކަމަށާއި އަދި އީސީގެ ވެބްސައިޓުން ވެސް ލިސްޓު ފެންނަން ހުންނާނެ ކަމަށެވެ. އެ ލިސްޓު މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، އަދި ސިޓީ ކައުންސިލުތަކުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އީސީން ބުންޏެވެ.

މީގެ އިތުރުން (VR space IDNO Send to 1414)އަށް އެސްއެމްއެސް ކޮށްގެން ވެސް ރަޖިސްޓްރީ ޗެކް ކުރެވޭނެ ކަމަށް ބުންޏެވެ.

ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ކަމަށް އީސީން ބުންޏެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީ ކައުންސިލުތަކުން ކަމަށް އީސީން ބުންޏެވެ. މާލޭގައިނަމަ ޝަކުވާ ބަލައިގަންނަނާނީ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.