ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރައްވާ ދަތުރުފުޅުން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިގެންދާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށްގެންދިޔަ ރަސްމީ ވާހަކަތަކުގައި ވާހަފުޅުދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފައެވެ.

ޗައިނާގެ ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ޗައިނާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އާ ބާބެއް ފެށިގެންދާނެ ކަމަކަށް ވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި ހަމައެހެންމެ ނޫ އިގުސާދާއި ފެހި އިގުތިސާދުގެ އިތުރުން ޑިޖިޓަލް އިގުތިސާދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ތައުލީމީ ދާއިރާއާއި އުމްރާނީ ތަރައްގީގައި ލިބިފައިވާ އެހީ ރައީސް ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން، ރަސްމީ ވާހަކައިގެ ތެރޭގައި މަޝްވަރާކުރުނު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އުންމީދު ދެ ރައީސުން އާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ވަނީ ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ.

ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތަށް ފަހު ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތައާރަފުކޮށްދެއްވި ކަމަށާއި، ރައީސާއެކު ވަޑައިގެންނެވި ވަފުދުވެސް ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ތައާރަފުކޮށްދެއްވި ކަމަށެވެ.

އެ ބައްދަލުވުންތަކުގެ އިތުރުން މިއަދު ރާއްޖެ އާއި ޗައިނާ އިން ވަނީ 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމަކާއި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް އެހީ ދިނުމުގެ އެއްބަސްވުމެއްގެ ހިމެނެއެވެ. އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން އިންތިޒާމުކޮށްގެން އިއްޔެ ވަނީ އިންވެސްޓާސް ފޯރަމެއް ވެސް ބާއްވައިފައެވެ.