ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިލަފުށީގެ ޝޯލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ދާ ގޮތަށް، ތިލަފުށީގެ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ފަޅުތެރެ ހިއްކުމުގެ މަސައްކަތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައި، ފުލުހުންގެ އެހީތެރިކަމާއެކު ބާރުގެ ބޭނުންކޮށް އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
"އުޅަނދުތައް ބޭރުކުރުމަށް އަންގައި އާބަންކޯ އިން ކުރި އިއުލާނުގައި ބުނެފައިވަނީ ކ. ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީކުރުމުގެ ބޭނުމަށް އެ ރަށުގެ ޝޯލައިންގައި ހިމެނޭ ސަރަހައްދު ހިއްކުމަށް ނިންމާފައިވާ ނިންމުމަކީ ވޭތުވެދިޔަ ސަރުކާރުގެ ނިންމުމެކެވެ. އެހެންނަމަވެސް، ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކުރީ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ސަރަހައްދުގެ ވަށައިގެން ހިމެނޭ މޫދު ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކޮށް، އެ ވިޔަފާރިތަކަށް އިތުރު ގޮތެއް ހޯދައިދިނުމަށްފަހު މެނުވީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމުގެ ވިސްނުމުގައިކަން ވެސް މި ފުރުސަތުގައި ފާހަގަކުރަން،" އެމްޑީޕީން ބުންޏެވެ.
"އެ ވިޔަފާރިތަކުން ހިންގާ އުޅަނދުތަކުގެ މައިގަނޑު މަސައްކަތަކީ އެއްތަނުން އަނެއް ތަނަށް މުދާ އުފުލުން ކަމަށްވާ އިރު، އެ ވިޔަފާރިތަކުން ބޭނުންކުރަމުންދާ ބިމުގެ ސަރަހައްދާއި މޫދާ ދުރުވަމުންދާ ވަރަކަށް، އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެހައި އިންތިޒާމުތަކަށް ބުރޫއަރާނެ ކަމުގެ ކަންބޮޑުވުން އެ ވިޔަފާރިތަކުން ދަނީ ހިއްސާކުރަމުން،"
އާބަންކޯ އިން ހިއްކުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކުން، އެކިއެކި އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގެ ބިމުގެ ބޭނުންކުރަމުންދާ މައިގަނޑު މަގުސަދަކީ، އެ ސަރަހައްދުގައި ހިމެނޭ މޫދާއި ފަޅުގެވެސް ބޭނުންހިފޭތީ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، އެ ވަގުތަކު އެ ބިމެއްގެ ބޭނުންކުރަމުންދިޔަ ފަރާތްތަކުން އެ ބިމެއްގައި ކުރަމުންދިޔަ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ އެ ބިމެއްގައި އެބައެއްގެ މަސްލަހަތު ހިމެނޭ އެންމެހައި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން މަޑުޖައްސާލި ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ތިލަފުށި ހިއްކުމަށް ކުރަމުންދާ މަސައްކަތް އަވަސް ކުރުމުގެ ސަބަބުން ރާއްޖޭގައި އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ އެތައް ބައިވަރު ހައްގަކަށް އުނިކަން އަންނާނެތީ، އެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.
"ސަރުކާރު ބަދަލުވެގެންދިއުމާއެކު، އެ ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ވާނެ ގެއްލުމަށް ފަރުވާލެއް ބެހެއްޓުމެއް ނެތި، އަދި އެ ވިޔަފާރިތަކަށް އިތުރު މަގެއް ދެއްކުމަކާ ނުލައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެންގި އެންގުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި މި ޕާޓީން ދެކެމެވެ. އާބަންކޯގެ ނިންމުން ތަންފީޒުވެގެން ގޮސްފި ނަމަ، ތިލަފުށީގައި މިވަގުތު ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ވިޔަފާރިތައް ހަލާކުވެގެންދާނެ،" އެމްޑީޕީން ބުންޏެވެ.
ރާއްޖޭގެ އިގުތިސާދު ކުރިއަރައިދާނީ ދިވެހި ވިޔަފާރިތަކުގެ ހިއްސާ އޮވެގެން ކަމީ އެމްޑީޕީން އަބަދުވެސް ގަބޫލުކުރާ ގޮތް ކަމަށް އެ ޕާޓީން ބުންޏެވެ. ދިވެހި ވިޔަފާރިތަކަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނަމަ އިގުތިސޯދަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި އިގުތިސޯދަށް ނޭދެވޭ އަސަރުކުރާ ކަމެއް އެއްވެސް ސަރުކާރަކުން ބޭނުންނުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން ތިލަފުށީގައި ހިންގަމުންދާ ވިޔަފާރިތަކަށް ގެއްލުންވެގެންދާ އުސޫލުން އެ ސަރަހައްދުގެ ބިން ހިއްކުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލައި، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދެވޭނެ އުސޫލަކުން، ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން އެތަނާ ގުޅޭ ނިންމުންތައް ނިންމުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު