މާލޭ ސަރަހައްދުން ފުލެޓު ދޫކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމު"ގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް، މާދަމާ ފުލެޓު ހަވާލުކުރާނެ ކަމަށް ދެކެވޭ ވާހަކަ ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާދަމާ ފުލެޓް ހަވާލުކުރާނެ ކަމަށް ބުނެ މިނިސްޓްރީން އެއްވެސް ފަރާތަކަށް މައުލޫމާތު ދީފައިނުވާނެ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ދަންނަވަމެވެ..،" ހައުސިން މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނީ، އޭސީސީން މައްސަލަ ބެލުމަށްފަހު، މިނިސްޓްރީއާށް އެކަން އެންގުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު