ދިވެހި ސަރުކާރުން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޗައިނާއާއެކު 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ރައީސް ޝީ ޖިންޕިން އަދި ރާއްޖޭގެ ވަފުދުގައި ހިމެނިގެން ޗައިނާއަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެ އާއި ޗައިނާއިން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ. އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

މިއަދު ސޮއިކުރެވުނު އެ އެއްބަސްވުންތަކުގެ ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.