މާރާމާރީ ހިންގައި ވަޅިއަކުން މީހަކަށް ކަމަލާދީ ޒަހަމްކޮށްލި ބަންލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދުލް ހަސަން 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެން ޖެހުނު މައްސަލައެކެވެ.
މި މައްސަލައިގައި މާލޭ ނިކަގަސްމަގުގައި ހުންނަ ސިޓީ ބޭކަރީތެރޭގައި، އެތަނުގެ ޕްރޮޑަކްޝަން މެނޭޖަރު ސަރަވަނަން ސުންދުރަ ރާޖަންއާ މާރާމާރީ ހިންގައި، ވަޅިއަކުން ހަމަލާދީ ހަސަން ވަނީ އޭނާ ޒަހަމްކޮށްލައިފައެވެ. ހަސަންއަކީ އެ ބޭކަރީގެ ޝެލްފް އިންޗާޖެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.
ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ، ބޭކަރީގައި އެ ދުވަހު ތައްޔާރު ކުރި ކާއެއްޗެއްސާ ދޭތެރޭ ރާޖަން ހިތްހަމަނުޖެހުމުންނެވެ. އެކަމާ މެދު ހަސަން ރާޖަން ދެކެ ރުޅި އައިސް، ހިތްހަމަ ނުޖެހުމުން އެކަން ހައްލުކުރުމަށް އެޗްއާރަށް ދިއުމުން ޕާން ފޮތިކުރަން ހުރި ވަޅި ހިފައިގެން ގޮސް ހަސަން، ރާޖަންއަށް ހަމަލާދިނީއެވެ. މި ހާދިސާގައި ރާޖަންގެ ކަރުގައި ވަޅި ހޭކިގެންނާއި ވަޅިން ބޮލަށްދިން ހަމަލާގައި ބޮލުން ދެ އިންޗިވަރު ވަނީ ޒަހަމްވެފައެވެ. މި ޒަހަމްތަކަށް އޭޑީކޭއިން އޭނާއަށް ވަނީ ފަރުވާ ދީފައެވެ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހަސަންގެ މައްޗަށް ދައުލަތުން ކުރި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގައި 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާ ބަންދުގައި ހުންނަންޖެހުނު މުއްދަތު ކަނޑައި އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމްގެ މުއްދަތަކީ ހަތް އަހަރާއި 25 ދުވަސް ކަމަށްވެސް ހުކުމްގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު