ޗައިނާގެ ވެރިކަން ކުރާ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ދާރުލްއާސާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް މިހާރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެވެސް އެކި ތަންތަނަށް ޒިޔާރަތްކުރައްވާފައި ވެއެވެ. ރައީސް އޮފީހުން މިއަދު ބުނީ ރައީސް މިއަދު ސީސީޕީގެ ދާރުލްއާސާރަށް ވަޑައިގެން އެތަން ބައްލަވާލައްވާފައިވާ ކަމަށެވެ. އެ ދާރުލްއާސާރުގައި ދައްކުވައިދެނީ އެ ޕާޓީގެ ތާރީހީ ކަންތައްތައް ކަމަށް ބުންޏެވެ.
ސީސީޕީއަކީ 1949 ވަނަ އަހަރުން ފެށިގެން ޗައިނާގައި ވެރިކަންކަން ކުރާ ޕާޓީއެވެ. 1921 ވަނަ އަހަރު އެ ޕާޓީ އުފެދިގެން އައީ ޗައިނާއަށް އިންގިލާބީ ބަދަލެއް ގެނުވުމަށް އުފެދުނު ހަރަކާތެއްގެ ގޮތުންނެވެ.
ރައީސް ޗައިނާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އެ ގައުމުގައި އިވެސްޓްމެންޓް ފޯރަމެއް ބާއްވާފައި ވެއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތައް ބައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއާއި އިގުތިސާދީ އަދި ޓެކްނޮލޮޖީ ދާއިރާގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާވެސް ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު