(5 ޖެނުއަރީގެ އަދަދާ ގުޅޭ)

ވިސްނައިވަޑައިގަންނަވާށެވެ. ވާހަކަދެއްކުމުގެ މި ނާތަހުޒީބު ބަހުރުވައާއި ބޭނުންކޮށްފައިވާ ހުތުރު ބަސްތައް ކިރުއްވައި ވަޒަންކުރައްވާށެވެ. އެއިން ކޮންމެ ލަފުޒެއްވަނީ ޒަހަރުން ކަޅިވެފައެވެ. ކުނި ބިސްތަކެއް ފަދައިން ވަސްނުބައިވެފައެވެ. ޙަޤީޤަތުގައި عـبــد اللّــــه بـــن أبــّــي ގެ ދުލުން އެބޭރުކުރީ އޭގެ ކަޅުހިޔަނި ކުރުވަމުން ފިލަމުން ނެތެމުންދިޔަ ޢަރަބި ޖާހިލިއްޔަތުގެ އަޑެވެ. ރަންކުރުވަމުންއައި އަމްނާއި ޢާފިޔަތުގެ ފަތިހާމެދު ޖާހިލިއްޔަތުގެ ހިތްނުބައިކަމެވެ. ހަސަދަވެރިކަމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުންނެވީ އެމާތް ސާހިބާގެ މަތިވެރި މަޤާމުގައެވެ. އެނުލަފާ ގޮހޮޅު عـبــد اللّــــه بـــن أبــّــي ގެ ވެތުރުމުގެ އަޑުއެއްސެވިއެވެ. އިންސާނީ ތާރީޚުދުށް އެންމެ كـــــريـــم الــنّــفـس ގެ ވެރިސާހިބާ ކޯފާގެމައްޗަށް އިސްކުރެއްވީ ހިތްޕުޅު މަޑުކަމެވެ. ހިތްޕުޅު ހެޔޮކަމާއި ޢަފޫކުރެއްވުމެވެ.

އެ މަޖިލީހަކީ ތެދުވެރި އިޚްލާޞްތެރި މުސްލިމުންވެސް ބައިވެރިވި މަޖިލީހެކެވެ. އެ މަޖިލީހުގައި އިންނެވި އެފަދަ އެއްބޭކަލަކީ عـبــد اللّــــه بـــن رواحـــة رضـــى اللّـــه عــنـــه އެވެ. އެކަލޭގެފާނުގެ ދީނީ ޣީރަތާއި ނަބަވީ ކުލުނު އޭގެ ދައުރު އަދާކުރެއްވިއެވެ. عـبــد اللّــــه بـــن رواحـــة رضـــى اللّــــه عــنـــه ކުރުދޮށީގައި ހިއްޕަވައި عـبــد اللّــــه بـــن أبــّــي އަށް ޖަވާބު ދެއްވިއެވެ.

"މިމާތް ސާހިބާ ބޭނުންފުޅު ތަނަކަށް ވަޑައިނުގަންނަވާންވީ ކީއްވެގެންހެއްޔެވެ. އަހަރެމެން މި މާތް ސާހިބާދެކެ ލޯބިވަމުއެވެ. ކަމޭހިތައި ޤަދަރު ކުރަމުއެވެ. އަހަރެމެންގެ މާތް ސާހިބާ އަހަރެމެންގެ ގޯތިގެދޮރަށާއި އަހަރެމެންގެ މަޖިލިސްތަކަށް ވަޑައިގަންނަވާނެއެވެ. އަރަހުށި މާތް اللّــــه އަހަރެމެން މާތްކުރެއްވީ މިމާތް ސާހިބާގެ ސަބަބުންނެވެ. އަހަރެމެންނަށް ތެދުމަގާއި ހިދާޔަތު ދެއްވީ މި މާތް ސާހިބާ މެދުވެރިކުރައްވައެވެ."

އިންސާނިއްޔަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم މި ތަޖުރިބާއަށްފަހު ވަޑައިގެންނެވީ އެމާތް ސާހިބާގެ އެކުވެރިޔާ ســعـــد بــــن عُــبــادة رضـــى اللّــــه عــنـــــه ގެ ގެކޮޅަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މޫނުފުޅުގެ ކުލަކޮޅު ފެނިވަޑައިގެންނެވުމުން ســعـــد بــــن عُــبــادة އަށް ގޮތަކަށް ހީފުޅުވެގެން އެކަމާބެހޭގޮތުން ސުވާލު ދެންނެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދިމާވި ހާދިސާގެ ތަފްސީލު ވިދާޅުވެދެއްވިއެވެ. ســعـــد بــــن عُــبــادة رضـــى اللّــــه عــنـــــه ވެސް عـبــد اللّــــه بـــن أبــّــي ގެ ޙަރަކާތްތަކުގެ ފަސްމަންޒަރު ބަޔާންކޮށްދެއްވީ أُسَـيـد بـــن حُضَـيـر رضـــى اللّــــه عــنـــــه ވެސް ބަޔާންކުރެއްވި ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"އޭ މާތް اللّــــه ގެ ރަސޫލާއެވެ! އަރަހުށި މާތް اللّــــه ތިޔަ ސާހިބާ މަދީނާއަށް ފޮނުއްވިއިރު އަޅުގަނޑުމެން ގެންދިޔައީ އޭނާއަށްޓަކައި ތާޖެއް ތައްޔާރުކުރަމުންނެވެ. ތިޔަ ސާހިބާ ވަޑައިގެންނެވުމުން އޭނާގެ ރަސްކަމުގެ ހުވަފެން ވަނީ ބިލާހަކަށް ވެފައެވެ. އެހެންކަމުން އޭނާގެ ރައްދު ޢަމަލަކީ ޤުދުރަތީ ކަމެކެވެ. އެކަމަށް މާބޮޑު އަހަންމިއްޔަތެއް ނުދެއްވާށެވެ."

ނިފާޤުގެ ހުރިހައި ޑްރާމާތަކެއްގައިވެސް މަރްކަޒީ ހީރޯއަކަށްވެގެން ތާރީޚުގެ ސްޓޭޖުގައި މަސައްކަތްކުރީ މިކަލޭގެއެވެ. އެންމެކުރިޔަށް ނުކުމެހުރީ މީނާއެވެ. އެހެންކަމުގައިވިޔަސް އޭނާގެ ފަހަތުގައި ނަގޫފިތާންތިބީ ޔަހޫދީންގެ ފަލަފަލަ ޙިބްރުންނެވެ. ބޮޑުންނެވެ. ޝުޢޫރީ ގޮތެއްގައި ނިފާޤުގެ ކުޅިގަނޑު ކުޅުނު ޢާންމުންތިބީ ޔަހޫދީ ބޮޑުންގެ ފަސްފަހަތުގައެވެ. މުސްލިމުންކުރެވެސް ފަސާދައިގައި ބައިވެރިވާހިތްވާ ޒާތުގެ މަދު ޢަދަދެއްގެ ރޮނގާލިގަނޑެއްވެސް އުޅުނެވެ. ވިސްނުންކޮށި ޖާހިލުންނެވެ. އިސްލާމީ ތަޙްރީކާ ދެކޮޅަށް އުފެދުނު ރައްދު ޢަމަލުގެ ޙަރަކާތުގެ ފަހަތުގައި އެކި މަރްޙަލާތަކުގައި މަސައްކަތްކުރީ މިދެންނެވި ވިލިވިލީގެ މީހުންނެވެ.

މަދީނާގައި މުސްލިމުން ކުރިމަތިލާންޖެހުނީ މިދެންނެވި ފަރާތްތަކުގެ ދެކޮޅުވެރިކަމާއެވެ. ދެކޮޅުހެދުމާއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކުރިމަތިލައްވާން ޖެހިވަޑައިގެންނެވީ އެބައިމީހުންގެ ނުލަފާކަމުގެ ޠޫފާނީ ރާޅުފަތިތަކާއެވެ. (ރާޅުފަތި: ފުލުފުލުގައި އަންނަ ރާޅުތައް) އެހުރިހައިކަމެއްގައިވެސް އެންމެ ފުޅާ ދައުރެއް އަދާކުރީ ޔަހޫދީންނެވެ. ޔަހޫދީންގެ ނުފޫޒުފޯރާ ފާސިދު ފަންވަތްތަކުގެ މީހުންނެވެ. އާދޭހެވެ. އިންސާނިއްޔަތުގެ މުޙްސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަގަށް ހުރަސްއަޅާން ޢަމަލީގޮތުން މަސައްކަތްކުރި ނިފާޤުގެ ބަލިމީހުންކުރެ ގިނަމީހުންނަކީ ޔަހޫދީންގެ ހަތިޔާރުތަކަކަށްވެގެން މަސައްކަތްކުރި މީހުންނެވެ.

އިޞްލާޙީ ހެޔޮބަދަލުތަކަށް ބޭނުންނުވާ ފާސިދުންގެ ބަޔަކަށް ބިނާކުރަނިވި އިޞްލާޙީ ދަޢުވަތަކާ ކުރިމަތިލާން ޖެހިއްޖެކަމުގައިވާނަމަ އެހެން ހުރިހައިކަމެއް ހުއްޓައިލައިފައި އެ އިޞްލާޙީ ދަޢުވަތާއިގެން ތެދުވި ބައެއްގެ ފަހަތުން އަޅައިގަނެއެވެ. ފާސިދުންނަކީ ޙަޤީޤަތުގައި ޚިދުމަތެއްވެސް ތަރައްޤީގެ މަސައްކަތެއްވެސް ކުރާން ބޭނުންވާ ބައެއް ނޫނެވެ. ޚާލިޤުގެ ނަންފުޅުގައިވެސް ޚަލްޤުތަކުންގެ ފަރާތުންވެސް އެއްވެސް ޒިންމާއެއް އަދާކުރާން ބޭނުންވާ ބައެއް ނޫނެވެ. އެހެންކަމުން އެބައިމީހުންގެ ސިކުނޑީގެ ހުރިހައި ބާރަކާއި ހުރިހައި ހަކަތައެއް ނުހަނު ފަސޭހަކަމާއެކު ހޭދަކުރާން ފަށަނީ ނައްސި މަސައްކަތްތަކުގައެވެ. އިޞްލާޙަށް ގޮވައިލާ މީހުން ވަށައިލައި އެމީހުނާ ދިމާކޮށްލަން ދުއްވައިގަންނަނީ ޣޫލުންގެ ބައިގަނޑެއް ފަދައިންނެވެ. ދުރުމީތަކާއި ތެލެސްކޯޕުތައް އަތްމަތިކޮށްގެން ބަލާންފަށަނީ އިޞްލާޙީ މަސައްކަތްކުރާ މީހުންގެ ފުށުން ކުޑަނަމަވެސް އައިބެއް ނުވަތަ އުނިކަންފުޅެއް ފެނޭތޯއެވެ. ތާއަބަދު ތިބެނީ އެމަސައްކަތުގައި ހޭލަމޭލަވޭވެއެވެ. އިޞްލާޙީ މަސައްކަތުގެ ބައިވެރީންކުރާ ކޮންމެކަމެއް ވަރުގަދަޔަކަށް ތަޙްލީލުކުރެއެވެ. ފަޅައި އަރިއަރިކޮށްގެންވެސް އެއްވެސްވަރެއްގެ ގުދުކަމެއް ނުވަތަ އޮރިކަމެއް ފެނޭތޯ ބަލައެވެ. ކުޑަވެސް އައިބެއް ފެނިއްޖެކަމުގައިވާނަމަ އެކަމެއް ހަވަރުފެންފޮޅިޔަށް އަޅައެވެ. ގޮވައިނަގާން ފަށައެވެ. "އޭ މީސްތަކުންނޭވެ! މިހިރީ މަގުފުރެއްދުމެވެ. ފަސާދައެވެ. ކުފުރެވެ. ކާބަފައިންނާ ދުޝްމިނުވުމެވެ. ޤައުމުގެ މާތް މީހުންނަށް އިހާނެތިކޮށް ހިތުމެވެ. ފާޑުކިޔުމެވެ."

(ނުނިމޭ)