ހަތް ދުވަހުގެ ތެރޭގައި ބްރައިޓް ބްރަދާސް ޕްރައިވެޓް ލިމިޓެޑަށް 170،153.92 ރުފިޔާ ދައްކަން ސިވިލް ކޯޓުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަމުރުކޮށް ހުކުމް ކޮށްފިއެވެ.

މިއީ ބްރައިޓް ބްރަދާސް އާއި އެފްއޭއެމާ ދެމެދު އެކެއް އޭޕްރީލް 2020 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަށް، މއ. އޮލްވީނާގައި ހަދާފައިވާ އިމާރާތުގެ ގްރައުންޑް ފްލޯ ރެސްޓޯރެންޓާއި ފަސްޓް ފްލޯ ފަސް އަހަރު ދުވަހުގެ މުއްދަތަށް ބްރައިޓް ބްރަދާސްގެ އަތުން ކުއްޔަށް ނެގުމަށްފަހު، ދައްކަން ޖެހޭ ކުއްޔާއި ފެނާއި ކަރަންޓް ބިލު ނުދައްކައިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

ސިވިލްކޯޓުގައި ކުރި މި ދައުވާގައި ބްރައިޓް ބަރްދާސް އިން ބުނެފައި ވަނީ، އެފްއޭއެމަށް ކުއްޔަށް ދީފައިވާ ގްރައުންޑް ފްލޯ ރެސްޓޯރެންޓާއި ފަސްޓް ފްލޯގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން 15 އޭޕްރީލް 2022 އިން ފެށިގެން 31 މެއި 2022 ގެ ނިޔަލަށް ކުލި ދެއްކުމުގެ ގޮތުން އެފްއޭއެމުން ދީފައިވާ ޗެކުގައިވާ 150،000 ރުފިޔާ މިހާތަނަށް އައިއިރުވެސް ލިބިފައި ނުވާކަމަށެވެ. އޭގެ އިތުރުން ކުއްޔަށް ހިފި އިމާރާތް ހަވާލު ކޮށްފައި ވަނީ ވެސް އެއްބަސްވުމާ ހިލާފަށް 14 ޖޫން 2022 ވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ. އަދި އެކެއް ޖޫން 2022 އިން ފެށިގެން 14 ޖޫންގެ ނިޔަލަށް ކުލީގެ ގޮތުގައި 46،666.66 ދައްކަން ޖެހޭ ކަމަށާއި، އެ މުއްދަތުގެ ކަރަންޓް ބިލަށް 72،585.35 ރުރިޔާ ފެންބިލަށް 901.91 ރުފިޔާ އަރާފައިވާ ކަމަށާއި، ދެފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުމާ އެފްއޭމުން ހިލާފުވުމުގެ ސަބަނުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ 100،000 ރުފިޔާއަށް އަރާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ހުރިހާ ފައިސާއެއް އެއްކޮށް ޖުމުލަ 370،153.92 އެފްއޭއެމުން ހޯދުމަށް މި ދައުވާގައި ބްރައިޓް ބްރަދާސްއިން ވަނީ ހުށަހަޅައިފައެވެ.

މި މައްސަލަ ބެލުމަށްފަހު ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ކަމުން 100،000 ރުފިޔާ ގެއްލުންވިކަން ދައުވާކުރާ ފަރާތުން ބުނުން ފިޔަވައި އެ ގެއްލުން ވީގޮތް ސާބިތު ކުރުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ ނަގައިދެވިދާނެ ބަދަލެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެތަން ފަސް އަހަރުގެ މުއްދަތަށް ކުއްޔަށްހިފި އެއްބަސްވުމުގެ ދަށުން 15 އޭޕްރީލް 2022 އިން މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކުލީގެ ގޮތުގައާއި ކަރަންޓާއި ފެނުގެ ހިދުމަތަށް ޖުމުލަ 223،487.26 ރުފިޔާ ދައްކަން ޖެހޭކަމަށް އެފްއޭއެމުން އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް ދައްކާފައިނުވާ 123،487.26 އަކީ އެފްއޭއެމް އިން ބްރައިޓް ބްރަދާސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށާއި، 46،666.66 ރުފިޔާ އަކީވެސް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން އެކު ޖުމުލަ 170،153.92 ރުފިޔާ ބްރައިޓް ބްރަދާސްއަށް ލިބިދިނުމުގެ ގޮތުން، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލްކޯޓަށް ދައްކައި ނިންމުމަށް އަންގައި ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.