ކުރިން އުޅަނދުތައް ރަޖިސްޓަރީކުރަމުން ދިޔައީ މާލޭގައި ދިރިއުޅެން އުނދަގޫވާ މިންވަރަކަށް ކަމަށާއި ނަމަވެސް މިހާރު އެ އަދަދު ބޮޑުތަނުން ދަށްކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
"އިންޓަގްރޭޓް ސަސްޓޭނަބަލް އެންޑް ލޯ-އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" ގެ ދަށުން މާލެ ސަރަހައްދަށް އެކުލަވާލެވޭ ޓްރާންސްޕޯޓް މާސްޓާ ޕްލެން އިފްތިތާހުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 އެއްހާ ވެހިކަލް ރަޖިސްޓަރީކުރަމުންދިޔަ ނަމަވެސް، މިހާރު އެ އަދަދު ދަށްކުރެވިފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 30 އަކަށް ވެހިކަލަކާ ހިސާބަށް ނުވަތަ 25 އަކަށް ވެހިކަލާ ހިސާބަށް ދަށްކުރެވިފައި މިވަނީ. އެގޮތުން މި ދަށްކުރެވުމަކީ ވެސް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކޭ. އެހެން ދަންނަވަން ޖެހޭ ގޮތަކީ ކުރިން މާލޭގެ ސަރަހައްދަށް ރަޖިސްޓަރީވެގެން ބޭނުންކުރުމަށްޓަކައި އެ އަދަދަށް ވެހިކަލް ނުކުމެގެންދާ ކަމަށްވަނީ ނަމަ، ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ މިހާރު އޮތް ހާލަތުން އަޅުގަނޑުމެންނަށް އެއަށްވުރެ މާ ނުރައްކާތެރި ނޫނީ އަޅުގަނޑުމެން މި މީހުންނަށް ނޫޅެވޭ ކަހަލަ ހާލަތަކަށް މި މާލޭ ސަރަހައްދު ބަދަލުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މި ފަށައި ގަންނަ މަސައްކަތުގެ އިތުރުން ކުރު ރާސްތާގައި ވެސް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލާފައި އެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށާއި އެގޮތުން މިހާރު މާލޭގައި ވެހިކަލްތައް އިތުރުވެގެންދާ ދިއުމަށް ރެގިއުލޭޓްކުރުމުގެ ހުރިހާ ފަރާތްތަކާއި އަދި ރަޖިސްޓްރޭޝަަނާއި އިމްޕޯޓާއި ގަވާއިދާ ހިލާފަށް މި ހިނގާ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައެޅިފައި ހުރި އިދާރާތަކާ ވެސް ގުޅިގެން އަވަހަށް އެޅޭނެ ފިޔަވަޅުތައް ބެލުމަށްޓަކައި އެ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ދުރު ރާސްތާގައި ކުރާ މަސައްކަތްތަކަށް މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާ ތެރޭގައި އިމްޕްލިމެންޓޭޝަން ސްޓޭޖަށް އަޅުގަނޑުމެންނަށް އެ މަސައްކަތުގައި ވެސް ނުކުމެވޭނެ. ދެން މިއޮތީ ދުރު ރާސްތާގައި އަޅުގަނޑުމެންނަށް ދިމާވެފައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހިފައިވާ މަސައްކަތްތައް. އެކަމުގެ އެއް ބައި އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދު ފެށިގެން މި ދިޔައީ. ޑީޓެއިލް ކޮމްޕްރެހެންސިވް ސްޓަޑީއެއް މި ހަދަން ޖެހޭ ސަބަބަކީ، މިހާ ކުޑަކުޑަ އޭރިއާއެއްގައި މިހާ ގިނަ ވެހިކަލްތައް ބޭނުންކުރަމުން ގެންދާތީ އިންސާނުންނަށް ނުރައްކާތެރިވާ ވަރަށް ގިނަ މާއްދާތައް ވެސް އޭގެ ތެރޭގައި ހިމެނިގެންދާތީ އެކަމަށް ގެނެވޭނެ ހައްލަކާއި އަދި މި ސަރަހައްދުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ އެންމެ ރަނގަޅު ޓްރާންސްޕޯޓް ނިޒާމަކީ ކޮބައިކަން އަޅުގަނޑުމެންނަށް ދެނެގަނެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ ހެދޭ ތަހުލީލާއި ސްޓަޑީން ލިބޭ ރިޕޯޓެއް އިމްޕްލިމެންޓް ކުރުމަށްޓަކައި ސަރުކާރާއި ކެބިނެޓާއި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ފަށާނެ ކަމަށާއި ނަމަވެސް އެއީ އެއް ދުވަހަކުން ދެ ދުވަހަކުން ދިމާވެފައިވާ މައްސަލަތަކަކަށް ނުވާތީ، އެ މަައްސަލަތައް ހައްލުކުރުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުންނަށް ވީހާވެސް އަވަހަކަށް ހިތްހަމަޖެހިލައިގެން ސަލާމަތާއި ރައްކާތެރިކަމާ އެކީގައި ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު