ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އަށް އަމަލުކުރަން ފަށަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ޗައިނާގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުމެކެވެ. ނަމަވެސް މިހާތަނަށްވެސް އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެއެވެ.

އެ ފޯރަމުގައި ރައީސް މުއިއްޒު ވިދާޅުވީ އެ އެފްޓީއޭއަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ. އެއީ ޗައިނާއިން ސައުތު އޭޝިއާގެ ގައުމަކާއެކު ހެދި ފުރަތަމަ އެފްޓީއޭ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމެންޓުތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ ޕްރޮޑަކްޓުތައް އިތުރުކުރުމަކީ އެފްޓީއޭގެ މުހިންމު އަމާޒެއް" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާއާއެކު އެފްޓީއޭގައި ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހު ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ޗައިނާއާއެކު އެފްޓީއޭ ގާއިމުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަކީ ރާއްޖެއަށް ފައިދާ ވާނެ އެއްބަސްވުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވާއިރު، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އޭރު އެ އެއްބަސްވުމާ ގުޅޭގޮތުން ވިދާޅުވީ އެފްޓީއޭއަކީ ހަމައެކަނި ޗައިނާއަށް ފައިދާވާ ގޮތަށް ތައްޔާރުކޮށްފައިވާ "ވަން ސައިޑް އެގްރީމެންޓެއް" ކަމަށެވެ.