އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކުރި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން މަގާމުން ސަސްޕެންޑް ކުރުމުގެ ބަދަލުގައި ވަކިކުރަން އިންޑިއާ ސަރުކާރުން ޑިމާންޑް ކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ 'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އެ ހާޒިރުކުރުމުގައި ޝަހީބްއާ ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ދެ ގައުމުން އަދި ހާމަކޮށްފައިނުވާ އިރު، އެ ބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ 'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ގޯސްވެގެން ދިޔައީ ރާއްޖޭގެ ސަބަބުން ކަމަށް ވުމުން، އެކަން ރަނގަޅު ކުރުމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭ ކަމަށް ބުނެފައެވެ.

އަދި އިންޑިއާއަށާއި ބޮޑުވަޒީރު މޯދީއަށް ބަދުބަސް ރައްދު ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރުމުން އެކަނި ނުފުދޭ ކަމަށާއި އެ ތިން ބޭފުޅުން ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށްވެސް ބުނި ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލައިގައި ސަސްޕެންޑް ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ތިން ބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި މުސާރަ ހިނގާ ގޮތަށްތޯ ސަރުކާރުން ހާމައެއް ނުކުރެއެވެ.

'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ އަހުލާގު ހުރިގޮތާ މެދު ރައީސް މުއިއްޒު ހަނުހުންނަވާތީ، އިންޑިއާ ސަރުކާރު އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.