އިންޑިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުން ހުއްޓާލުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، އިންޑިއަން ޗެމްބާ އޮފް ކޮމާސް (އައިސީސީ) އިން ގޮވާލައިފިއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވާ އިރު، އެ މައްސަލައާ ގުޅިގެން އިންޑިއާގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

އައިސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއާ ދެކޮޅަށް ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ރައްދުކޮށްފައިވާ ބަދުބަސްތަކުގެ ސަބަބުން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އައިއޭޓީއޯ)، ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (ޓީއޭއޭއައި)، ޓްރެވަލް އެޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ (ޓީއޭއެފްއައި)، އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާ (އޭޓީއޯއޭއައި)، އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސް (އޭޑީޓީއޯއައި) އަދި އެމްއައިސީއީ އެޖެންޓްސް އިން ރާއްޖެ ޕްރޮމޯޓުކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އިންޑިއާ އަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރު ކަމަށްވެފައި، ވަޒީފާ އުފެއްދުމަށް ވެސް އިސް ދައުރެއް އަދާކުރާ ގައުމަށްވީ ނަމަވެސް، ލަކްޝަދީބާއި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަކީ ރާއްޖެއަށް ވުރެ މާ ރަނގަޅު މަންޒިލުތަކެއް ކަމަށްވުމުން، އެ މަންޒިލުތައް ޕްރޮމޯޓުކުރުމަށް މަސައްކަތްކުރުމަށް ގޮވާލާ ކަމަށް އައިސީސީގެ ބަޔާނުގައި ބުންޏެވެ.

އައިސީސީގެ ބަޔާނުގައި ބުނީ އެ މަންޒިލުތަކުގެ އިތުރުން ސްރީލަންކާ، މޮރިޝަސް، ބާލީ އަދި ފުކެޓް ފަދަ ތަންތަން ވެސް ޕްރޮމޯޓުކުރެވޭނެ ކަމަށާއި އިންޑިއާގެ އެއާލައިންތައް ވެސް ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި "އުޑާން ސްކީމު"ގެ ދަށުން ލަކްޝަދީބަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލިއެވެ.

މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ގިނަ ބަޔަކު އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ އެ އޮފިޝަލުންގެ ހިޔާލަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަން ގަބޫލުކުރާ ނަމަވެސް، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތީން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި މޯލްޑިވްސް އައުޓްގެ ނަމުގައިވެސް ދަނީ ކެމްޕޭން ކުރަމުންނެވެ. ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެއްކަން ފާހަގަކޮށް، ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްބުނެ ރާއްޖެ ބޮއިކޮޓް ކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ.