ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، 61 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި އެ ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އެ ފައިސާ ރިލީޒް ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، މަޖިލިސް އިންތިހާބަށް 61 މިލިޔަން ރުފިޔާ ހަރަދުވާއިރު، އީސީގެ އިދާރީ ކަންކަމަށް 32 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފަިއވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސްވަރަކީ ރޯދަމަހުގެ ދުވަސްވަރުކަމުން، ވޯޓުލާން ތިބޭ ރައްޔިތުންނަށާއި، ކެންޑިޑޭޓުންނާއި އަދި އެކަމުގައި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދަތިތަކެއް ދިމާވެދާނެތީ، ހިޔާލު ތަފާތުވުން އުފެދި އިންތިހާބު ބާއްވާނެ ދުވަހައެއް އަދި ވަނީ ކަނޑަނޭޅިއެވެ.
ނަމަވެސް އީސީގެ ނާއިބު ރައީސް ހަބީބު ވިދާޅުވީ، އެކަމާ ބެހޭގޮތުން ކޮމިޝަންގައި މަޝްވަރާ ކޮށް، އިންތިހާބު ބާއްވާނެ ދުވަހެއް މި ހަފުތާގައި އީސީން އާންމު ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު