ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ނިންމުން ނިންމާފައިވަނީ، ރަށްވެހިކަން ދޫކޮށް ތިނަދޫ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފާހަގަކުރެވޭތީ، އެ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

"ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި، 5000 (ފަސްހާސް) ރުފިޔާ ނެގުމަށް 03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާ ވާހަކަ އާންމުކޮށް އަންގައި އިއުލާނުކުރީމެވެ..،" ތިނަދޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ.