ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އިއުލާންކުރުމަށް މިއަދު ހަމަޖެހިފައި އޮތް ނަމަވެސް، އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެން އިންތިހާބު ބާއްވާ ތާރީހު އިއުލާންކުރުން ފަސްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިންތިހާބުގެ ކަންތައްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އެމްޑީޕީން ފޮނުވި ސިޓީގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން މާދަމާ އެ ޕާޓީއާއެކު މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"މަޖިލިސް އިންތިހާބުގެ ތާރީހު މިއަދު އިއުލާންކުރާ ގޮތަށް ކުރިން ނިންމި ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ސިޔާސީ ޕާޓީން މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނަށް ވަނީ ސިޓީއެއް ފޮނުވައިފަ، އެ ސިޓީ ފޮނުވުމާ ގުޅިގެން ކޮމިޝަންގައި މަޝްވަރާކޮށްފަ މިއައީ. ކޮމިޝަނުން ނިންމީ އެމްޑީޕީއާވެސް މަޝްވަރާކޮށްފަ މި ހަފުތާ ތެރޭގައި ޑެޒިޝަނެއް ކަނޑައަޅަން،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެކަމަށްޓަކައި މާދަމާ 1:00 ހާއިރު އީސީން އެމްޑީޕީއާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. އެއަށްފަހު އިންތިހާބު ބާއްވާނެ ތާރީހެއް މި ހަފުތާގައި އިއުލާންކުރާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެކި ފަރާތްތަކާ ވާހަކަދެއްކުމަށްފަހު، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ނިންމީ، ވޯޓުލާން ތިބި ރައްޔިތުންނާއި ކެންޑިޑޭޓުންނާއި އަދި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުރި ގޮންޖެހުންތަކައް ބަލައި ހުރިހާ ފަރާތްތަކަށް އެންމެ ފަސޭހަ ގޮތަކަށް އިންތިހާބު ބާއްވަން ކަމަށެވެ. އެންމެ މުހިއްމު ކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓު ލެވޭނެ ގޮތްވުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންތިހާބު ބާއްވާ ދުވަސް، ރޯދަަމަހާ ދިމާވެއްޖެނަމަ ވޯޓުލާން ނުކުންނަ މީހުން މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.