އަމީނީ މަގުގެ ހަދަމުންދާ ބައިގައި ތާރު އަޅައި ނިންމާފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އަމީނީ މަގުގެ ހަދަމުންދާ ބައިގައި ތާރު އަޅަން ފަށާފައިވަނީ ރޭގައެވެ. އާރުޑީސީގެ މީޑިއާ ގުރޫޕަށް މިއަދު ފޮނުވި މެސެޖެެއްގައި ބުނީ އެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.
އަމީނީ މަގު ހެދުމުގެ ފަހު ބައިގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އާރުޑީސީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށާއި އެ މަސައްކަތުގެ ދަށުން އަޕްރޭޑު ކުރާ ސްޓޯމް ވޯޓާ ޕަމްޕުތަކުގެ އައުޓް ފްލޯ ހޮޅި އެޅުމާއި ޑީ ވޯޓަރިން އައުޓް ފްލޯ ހޮޅި އެޅުމަށް ބޮޑުތަކުރުފާނު މަގުގެ ތާރު ކަނޑައިގެން ކުރަން ޖެހޭ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު