ވިލިމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގައި ވިލިމާލެއަށް ވެސް ކަންތައްތަކެއް ކުރުމަށް ނިންމަވާފައިވީ ނަމަވެސް، އެކަންކަން ވެފައިނުވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ވިލިމާލޭގެ އިމާރާތްތައް ދިހަ ބުރިއަށް ހެދޭ ގޮތަށް ގަވާއިދު އިސްލާހުކުރުން ކަމަށެވެ.
"އެކަން ކުރެވެން އަންނަނީ ޕްލޭނިން މިނިސްޓްރީން ގަވާއިދު އިސްލާހުކޮށްފައި، މަޖިލީހުގެ އެކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިގެން އެކަމާ ބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ގަވާއިދު އިސްލާހުވާ ގޮތަށް އޮންނަ ކަމަށް މިވަނީ. މީގެ ކުރިން ޕްލޭނިން މިނިސްޓްރީއާ ހިސާބުން ހިފެހެއްޓިފައިވާ ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އިސްލާހުކޮށްދޭން އަޅުގަނޑުމެން އެދިފައިވާނެ. އެހެންވީމާ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ އެކަންތައް ވެސް ހައްލުކޮށްދޭނަމޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިލިމާލޭގެ އިމާރާތްތައް ދިހަ ބުރިއަށް ހެދޭ ގޮތަށް މަޖިލީހުގެ ތެރެއިން ގަވާއިދު އިސްލާހުކޮށްދޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި އެކަމަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި ވިލިމާލޭގެ ރަށު ތެރޭގައި އެއް ކައިރީގައި ފައިބަރު މަސައްކަތް ކުރިޔަސް ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ ތިލަފުށިން އެކަމަށް ޖާގައެއް ކަނޑައަޅައިދޭން ކުރިން މަސައްކަތްކުރެވުނު ނަމަވެސް އެކަން ވެސް ކުރެވިފައި ނުވަނީ އޭރުގެ ސަރުކާރުން އެއްބާރުލުން ދީފައިނުވާތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާރު އެކަން އެވަނީ ހަމަޖެހި، ތިލަފުށީގައި އެކަމަށް ސަރަހައްދު ކަނޑައެޅިފައި. އެ ތަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފެށިފައި އެވަނީ. އެންމެ ގިނަވެގެން ހަ މަސް ތެރޭގައި ތަރުތީބުކުރެވިގެން، ހުރިހާ ފަރާތްތަކަށް، އަދި އިތުރު ފަރާތްތަކަށް ވެސް ޖާގަ ލިބޭގޮތަށް ވަރަށް ރަނގަޅު އުސޫލެއްގެ ތެރެއިން އެއްކޮށް އެ ސަރަހައްދަށް ބަދަލުވެ، ފައިބަރު ދޯނި މަސައްކަތްތައް ބަދަލުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ވިލިމާލެ ކައިރިގައި އަޅާފައި އޮތް ތެޔޮ ބޯޓުތައް ނުނެގުނު ނަމަވެސް، މިހާރު އެކަމަށް ހައްލު ހޯއްދަވައިދެއްވާފައިވާނެ ކަމަށެވެ. އަދި ވިލާމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު