ވިލިމާލޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށު ތެރޭގައި އެއް ކައިރީގައި ފައިބަރު މަސައްކަތް ކުރިޔަސް ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ ތިލަފުށިން އެކަމަށް ޖާގައެއް ކަނޑައަޅައިދޭން ކުރިން މަސައްކަތްކުރެވުނު ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ.
"މިހާރު އެކަން އެވަނީ ހަމަޖެހި، ތިލަފުށީގައި އެކަމަށް ސަރަހައްދު ކަނޑައެޅިފައި. އެ ތަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފެށިފައި އެވަނީ. އެންމެ ގިނަވެގެން ހަ މަސް ތެރޭގައި ތަރުތީބުކުރެވިގެން، ހުރިހާ ފަރާތްތަކަށް، އަދި އިތުރު ފަރާތްތަކަށް ވެސް ޖާގަ ލިބޭގޮތަށް ވަރަށް ރަނގަޅު އުސޫލެއްގެ ތެރެއިން އެއްކޮށް އެ ސަރަހައްދަށް ބަދަލުވެ، ފައިބަރު ދޯނި މަސައްކަތްތައް ބަދަލުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، ވިލިމާލޭގެ އިމާރާތްތައް ދިހަ ބުރިއަށް ހެދޭގޮތަށް ޕްލޭނިން ގަވާއިދު ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެކަމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިން ނަމަވެސް، މި ސަރުކާރުން އެކަމަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި މިހާރު އެކަން އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ ކުރިން ޕްލޭނިން މިނިސްޓްރީއާ ހިސާބުން ހިފެހެއްޓިފައިވާ ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އިސްލާހުކޮށްދޭން އަޅުގަނޑުމެން އެދިފައިވާނެ. އެހެންވީމާ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ އެކަންތައް ވެސް ހައްލުކޮށްދޭނަމޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ވިލިމާލެ ކައިރިގައި އަޅާފައި އޮތް ތެޔޮ ބޯޓުތައް ނުނެގުނު ނަމަވެސް، މިހާރު އެކަމަށް ހައްލު ހޯއްދަވައިދެއްވާފައިވާނެ ކަމަށެވެ. އަދި ވިލާމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު