މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އޭނާ ހޮވައިގެން ރައްޔިތުން ކުރަން ޖެހޭނެ ހިތާމައެއް ނޯންނާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި އާޒިމާ އޭނާގެ މެނިފެސްޓޯ ލޯންޗުކޮށްދެއްވަމުން ވިދާޅުވީ، އޭނާ ނުކުމެވަޑައިގެން އެ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަން ހަގީގަތަކަށް ހަދައިދިނުމަށް ކަމަށެވެ. އެކަން ކުރުމުގައި އެއްވެސް މިންވަރަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ރައީސް އަރިހުގައި ތިއްބެވުމާއެކު އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްވާ ވައުދަކީ އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާށޭ. އަޅުގަނޑުމެން ތި ރައްޔިތުންނަށް ތަފާތު ދައްކާނަމޭ، އަޅުގަނޑުމެން ޑެލިވާ ކޮށްދޭނަމޭ. އަޅުގަނޑުމެން ހޮވައިގެންނެއް ރައްޔިތުން ކުރަންޖެހޭނެ ހިތާމައެއް ނޯންނާނެއޭ،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އޭނާ އެހާ ކޮންފިޑެންޓުކޮށް ހުންނެވީ އޭނާގެ ކުރިމަތީގައި މަގުދައްކަވަން ރައީސް މުއިއްޒު ހުންނަވާތީ ކަމަށެވެ. ރައީސް މުއިއްޒަކީ މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ގިނަ ކާމިޔާބީތަކެއް ހާސިލުކުރެއްވި ބޭފުޅެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަކީ އަންހެނުންނަށް ފަސޭހަ ރާސްތާއެއް ނޫން ކަމަށާއި މޭޔަރުގެ މަގާމަށް ވާދަކުރައްވާ ހަމައެކަނި އަންހެނަކީ އޭނާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ދައުލަތަށް ހިދުމަތް ކުރަން ފެށި މީހެއް ކަމަށާއި ދައުލަތުގެ ޒިންމާތައް އަދާކުރެއްވީ ސާބިތުކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.

އެ ހިސްޓްރީއާއެކު އޭނާ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެ ދައްކުވައިދެނީ އަންހެނުންނަށް ސިޔާސީ ގޮތުން ކުރިއަށްދެވިދާނެކަން ކަމަށް އާޒިމާ ވިދާޅުވިއެވެ.