އެ މަނިކުފާނުގެ މި ފަސް އަހަރުގެ ވެރިކަން ނިމޭއިރު ގެދޮރުގެ މައްސަލައަށް ހައްލު ނުލިބޭ އެއްވެސް މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައި ވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އެކަން ހައްލުކުރުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކާނީ ކުރީ ސަރުކާރުން ހިއްކަން ނިންމި ވަރަށްވުރެ ބިން ވެސް އިތުރުވާ ގޮތަށް ކަމަށާއި އެ ބިންތަކާއެކު ގެދޮރަށް ހާއްސަކޮށް ތައާރަފުކުރާ ލުއި ލޯނާއި އެހެންވެސް ފުރުސަތުގެ އެހީގައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަބަދުވެސް ދޭ ކަމެއް، ޔަގީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް. އަޅުގަނޑުމެންގެ މި ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރީގައި މި ދެންނެވި ހަތަރު ބިމުން އުފެދޭ ޖާގައާއެކީގައި، ޖާގައިން އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިއައިމަ، މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކުވެސް. ހަމަ އެންމެ ދިވެހި ރައްޔިތަކުވެސް ނުހުންނާނެ. އިދާރަކުރެވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލޭގައި ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް މި ފަސް އަހަރު ނިމޭއިރު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގޯއްޗާއި ފްލެޓާ ދެވޭނީ ސިޓީ ކައުންސިލްގެ މެދުވެރިކޮށް ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް ބަލަންޖެހޭނީ ކައުންސިލުން ކަމަށެވެ. އެހެންވެ ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް މުހިންމު ކަމަށް ވިދާޅުވިއެވެ.