ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކުރޫގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.
އާޒިމާގެ މެނިފެސްޓޯ ލޯންޗުކޮށްފައި ވަނީ ޕީއެންސީގެ މައި އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައެވެ. މެނިފެސްޓޯ ލޯންޗު ކޮށްދެއްވަމުން އާޒިމާ ވިދާޅުވީ އެކަނިވެރި މައިންގެ މައްސަލައަކީ އިޖުތިމާއީ މައްސަލައެއް އެފަދަ ފަރާތްތަކަށް 1000 އާއި 1500 ވަޒީފާ އުފެއްދުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ މީގެ ޓާގެޓަކަށް ވާނީ އަންހެނުންނަށް ހާއްސަ ފްކްޓްރީ ސްޓައިލްގެ ވަޒީފާތަކެއް އުފެއްދުން. މި ޕްރޮޖެކްޓުތަކަކީ އަޅުގަނޑުމެން މި ދާއިރާގެ ތިބި އަންހެނުންނާ މަޝްވަރާ ކޮށްގެން ނިންމާފައި ހުރި ކަންކަމެއް. މިސަލަކީ އަޅުގަނޑަކީ ކައްކާ މީހެއް. އަޅުގަނޑަށްވެސް އެނގޭ ފެކްޓްރީ ސްޓައިލް ވަޒީފާތަކެއް މިގޮތަށް ސިލޯނު ކަހަލަ ތަންތަނުން ގެންނަ ލޮނު ލުނބޯ ނޫނީ އެހެން އެއްޗެއް އަޅުގަނޑުމެންގެ ތެރެއަށް ނުގެނެސް، އަޅުގަނޑުމެންގެ އަމިއްލަ ލޭބަލް ޖަހާފައި، އަޅުގަނޑުމެންގެ ދިވެހި ހަވާދުގެ ލޭބަލް ޖަހާފައި ކީއްވެތޯ އަޅުގަނޑުމެންނަށް ނުއުފެއްދެންވީ،" އާޒިމާ ވިދާޅުވިއެވެ.
މެނިފެސްޓޯގައި އާޒިމާ އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މޫނިފޫހިފިލުވާނެ ސެންޓަރެއް ހެދުމާއި ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ފްރީލާންސް މަސައްކަތް ކުރާ މީހުންނަށް ހާއްސަ ޖަގަހައަކާއި ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓަރެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ސިވިލް ޑިފެންސް ނިޒާމެއް ގާއިމުކުރުމާއި އެމެޖެންސީ އަދި ސުއިސައިޑް ހޮޓްލައިން ނަމްބަރެއް ގާއިމުކުރުމަށްވެސް އާޒިމާގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އަދި ބިލްޑިން ކޯޑާއި ފަޔާ ކޯޑާއި މާލޭގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުފެއްދުމަށް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ޕްލާސްޓިކް ރީސައިލް ކުރާނެ ނިޒާމަކާއި އިސްރަށްވެހިންގެ މަރުކަޒުތަކުގެ އިތުރުން ކޮމިއުނިޓީ ހެލްތް ވަސީލަތްތައް ގާއިމުކުރުމަށް ހިމަނާފައިވާއިރު، އުޅަނދު އެތެރެކުރުމާއި ދުއްވުމުގެ ޓްރެފިކް ނިޒާމެއްގެ އިތުރުން ކޮންވެންޝަން ސެންޓަރެއް ހަދައި، ލޯކަލް މާރުކޭޓް ތަރައްގީ ކުރުން ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު