ވެރިކަން ކުރީ ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު، އޭނާގެ ކެމްޕޭން ކެންސަރާ ހަނގުރާމަ ކުރައްވަމުން ގެންދަވާ ތިން ބޭކަނބަލަކަށް ހާއްސަ ކުރައްވައިފިއެވެ.
އާޒިމާ، އޭނާގެ މެނިފެސްޓޯ އިފުތިތާހު ކުރެއްވުމަށް ޕީއެންސީގެ މައި ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމާއި އިންތިހާބުތަކުގައި ވާދަކުރުމަކީ އަންހެނުންނަށް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
އެގޮތުން މޭޔަރުގެ މަގާމަށް ވާދަކުރެއްވުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާހަކަދެއްކެވި ދުވަހުން ފެށިގެން ފާއިތުވި ދެ މަސްދުވަހު ކުރެއްވި މަސައްކަތް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާއި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އަދި އޭނާގެ ދައްތަ، ކުރީގެ ހައުސިން މިނިސްޓަރު އާތިފާ ޝަކޫރަށް ހާއްސަ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"މި ތިން އަންހެން ބޭފުޅުންނަށް ވަރުގަދަ ތިން އަންހެން ބޭފުޅުންނަށް އަޅުގަނޑުގެ މި ޖާނީ، މި އިންތިހާބަށް ކުރިމަތިލައިގެން މިހާ ހިސާބަށް މި ދަތުރުކުރި ޖާނީ އަޅުގަނޑު ބޭނުން ހަދިޔާކުރަން،" އާޒިމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ތިން ބޭކަނބަލުންނަކީ އޭނާއަށް ނަމޫނާއެއް ކަމަށާއި އެއީ ވަރަށް ހިދުމަތްތެރި ތިން ބޭކަނބަލުން ކަމަށެވެ.
މި ބޭކަނބަލުންގެ ތެރެއިން މިނިސްޓަރު ރަމީލާ މިހާރުވެސް ހުންނެވީ ކެންސަރު ފަރުވާއަށް ރާއްޖެ އިން ބޭރުގައެވެ. އޭނާއަށް ކެންސަރު ޖެހިވަޑައިގެންނެވިކަން ހާމަކުރެއްވީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ދެ ހަފުތާވެސް ނުވަނީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ރަމީލާ ވިދާޅުވީ، ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވައިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ހީނާއަކީ ވެސް ކެންސަރަށް ފަރުވާ ހޯއްދެވި ބޭފުޅެކެވެ. ބަލީގެ ފަރުވާގައި އުޅުއްވަމުންވެސް ހީނާ ވަނީ ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ. ހީނާ މި ވަގުތު ހުންނެވީ އެންސްޕާގެ ސީއީއޯގެ މަގާމުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އާތިފާވެސް ކެންސަރުގެ ފަރުވާ ހޯއްދެވި އިރު، އޭނާ ވަނީ މިނިސްޓަރުގެ މަގާމުގައި ހުންނަވަމުންވެސް އެ ބައްޔަށް ފަރުވާ ހޯއްދަވައިފައެވެ. ނަމަވެސް ބަލި ހާލަތު ހުރި ގޮތުން އެ މަގާމުން ޖޫން 2020ގައި އިސްތިއުފާ ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު