(2 ޖެނުއަރީގެ އަދަދާ ގުޅޭ)

ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ ޢަމަލުތައް ބައެއްފަހަރުވަނީ އިންސާނުންކުރެ އެންމެ ކެތްތެރި ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބަރުދާސްތުކުރެއްވުމުގެ ދާއިރާއިންވެސް ބޭރަށް ނުކުމެފައެވެ. އަލްމަސްޖިދުއްނަބަވީގައި އެއްދުވަހަކުއޮތް ޢާންމު މަޖިލީހެއްގައި މުނާފިޤުންގެ ވިލިތައް ޖަމާޢަތާ ވަކިވެ ކޯޅިކޯޅިޔަށް އެއްވެގެން ޗުކުޗުކުއަޅުވާތީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އުނދަގޫފުޅުވެގެން އެބައިމީހުންވަނީ މިސްކިތްކޮޅުން ނެރުއްވައިފައެވެ.

ކުރީންވެސް ދެންނެވި ފަދައިން މުނާފިޤުންގެ ވިލިތަކުން އެބައިމީހުންގެ މަރުކަޒީ އިސްވާރަކުކަމުގައި ހަދައިފައިވަނީ عـبــد اللّــــه بـــن أبــّــي بـــن ســلـــول އެވެ. އޭނާއަކީ އިފުކުގެ ހާދިސާގައިވެސް އިސްލާމީ މުޖުތަމަޢުގެ ތެރެއަށް ފިތުނައިގެ ބާރޯޒު ފަލީތާއެއް ވައްދައި ރޯކޮށްލި މީހާއެވެ. އޭނާގެ ހަށިގަނޑުގެ ވަކިވަކި ނާރުތަކުގައިވެސްވަނީ އިސްލާމީ އިންޤިލާބާމެދު ރުޅިވެރިކަމާއި ހަސަދައާއި ނީހައިގެ އަލިފާން ރޯވެފައެވެ. ފަރުވާއެއްނެތް އެ ނަފުސާނީ ބަލީގެ ސަބަބަކަށްވީ ކޮންކަމެއްތޯއެވެ؟ أُسـيـد بــــن حضـيـــر رضـــى اللّــــه عــنـــــه ވަނީ އިންސާނިއްޔަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި އެކަމުގެ ތަފްސީލު ދަންނަވައިފައެވެ. ޣަޒްވާ ބަނިލް މުސްޠަލިޤު ތެރޭގައި عـبــد اللّــــه بـــن أبــّــي بـــن ســلـــول ހިންގި ފިތުނަވެރި ހާދިސާއަކާ ބެހޭގޮތުން ތަފްސީލު ދެއްވަމުންނެވެ. އިންސާނިއްޔަތުގެ މުޙްސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި أُسـيـد ވިދާޅުވިއެވެ.

"އޭ މާތް اللّــــه ގެ ރަސޫލާއެވެ! މިކަލޭގެ ހިތުން އާވިއަރަމުންދާ ހިތާމަވެރި ޖަޒުބާތަށް ކުޑައިކޮށް ރިޢާޔަތް ކުރައްވާށެވެ. ކަލޭގެފާނު މަދީނާއަށް ގެމަށް ވޮޑިގެންނެވީ އަޅުގަނޑުމެން އޭނާ ރަސްކަމުގެ ތަޚްތަށް އިސްކުރާން ތައްޔާރުކުރަމުން ގެންދަނިކޮށެވެ. އޭނާގެ ތާޖު ހެދުމުގެ މަސައްކަތްވެސް ދިޔައީ ހިނގަމުންނެވެ. ކަލޭގެފާނު ވަޑައިގެންނެވުމުން އޭނާގެ ހުވަފެން ބިލާހަކަށްވީއެވެ. އެ ބޭޗާރާ އެ ފާޅުކުރަނީ އެކަމާހުރެ ހިތުގައި އުފެދިފައިވާ ގިލަންވެރިކަމެވެ."

މީހަކު އެމީހެއްގެ ކުރިއެރުމާމެދު ދެކެމުންއައި އިންތިހާދަރަޖައިގެ ފޮނި ހުވަފެނެއް އަލުން އުފެދޭ ތަޙްރީކެއްގެ ސަބަބުން ޙަޤީޤަތަކަށްނުވެ ހިނގައްޖެކަމުގައިވާނަމަ އެކަމެއް ހިތުން ފިލުވައިލުމަކީ އެމީހަކަށް ވަރަށްވެސް ދަތިކަމެކެވެ. ޚާއްޞަކޮށް ތިމާ "ތަރިތަކަށް" ވާސިލުވުމަށްޓަކައި ތަރިތަކުގައި އަޅުވާން ތައްޔާރުކޮށްފައިވާ ކަމަންދު ފުކުރިއްޖެކަމުގައިވާނަމަ އެކަމުގެ ސަބަބަކަށްވި މީހަކަށް ދުވަހަކުވެސް ހިތެއް ހެވެއް ނުވާނެއެވެ. އެމީހެއްގެ މުޅި ޙަޔާތުގައިވެސް އެކަމުގެ ވާދަވެރިކަމާއި ހަސަދަވެރިކަން ދެމިއޮންނާނެއެވެ. ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. عـبــد اللّــــه بـــن أبــّــي بـــن ســلـــول އަށްވެސްވީ އެގޮތެވެ.

މަދީނާގައި ހަލުވިކަމާއެކު އިސްލާމްދީން ފެތުރި ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ނަޞުރު ލިބުމުން އޭނާވެސް ދުލުކުރީން ޝަހާދަތުގެ ދެކަލިމަކިޔައި ބޭރުފުށުން އިސްލާމްވިއެވެ. މަދީނާގައި އަލަށް އުފެދި އާލާވާންފެށި ބާރުގެ ތެރެއިން އޭނާއަށްވެސް މަޤާމެއް ހޯދާންވެގެންނެވެ. ތަންކޮޅަކަށްފަހު ތަންކޮޅަކަށް މައްޗަށް އަރަމުންގޮސް ޤިޔާދަތުގެ ބޮންތިއާ ހަމަޔަށް އަތްފޯރުވުމަށްޓަކައެވެ. އެކަމަކު އިސްލާމީ ނިޒާމަކީ އެ ނިޒާމެއްގެ ތެރެއިން ކުރިޔަށްދެވޭ ކޮންމެ މަގަކުންވެސް އީމާނާއި ޢަމަލުގެ ބާރުގައި ކުރިޔަށްދެވޭ ނިޒާމެކެވެ. އެހެންކަމުން عـبــد اللّــــه بـــن أبــّــي އަކަށް އެ ނިޒާމުގެ ތެރެއަކު ނިފާޤު ފިޔަވައި އެހެން މަޤާމެއް ނެތެވެ. އޭނާ އިސްލާމްވިތާ ކުރީކޮޅުގައި އޭނާ އުޅުނީ އޭނާގެ ނިފާޤުކަން ވަރަށްބޮޑަށް ފޮރުވައި ވަންހަނާކޮށްގެންނެވެ. އެކަމަކު އެއްދުވަހަކު ދިމާވި ހާދިސާއެއްގެ ސަބަބުން އޭނާގެ ނިފާޤުކަން ވަނީ ބޭޒާރުވެފައެވެ. އޭނާގެ ހިތުތެރޭގައި އުމަގުވެފައިހުރި މުލިހިތައްވަނީ އަމިއްލަޔަށް ތުއްވި އެތެރޭގައިހުރި ފާދިޔައާއި ދޮސް ބޭރުކުރާން ފަށައިފައެވެ.

އެ ހާދިސާއަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ އެކުވެރިޔެއްކަމުގައިވާ ســعـــد بــــن عُــبــادة رضـــى اللّــــه عــنـــــه ގެ ގެކޮޅަށް ޒިޔާރަތްކުރެއްވި ދުވަހެއްގެ ހާދިސާއެކެވެ. އެދުވަހަކީ ســعـــد بــــن عُــبــادة رضـــى اللّــــه عــنـــــه އާލާސްކަންފުޅާ އުޅުއްވާތީ އެކަލޭގެފާނުގެ ޙާލުކޮޅު ދެކެވަޑައިގެންނެވުމަށްޓަކައި ވަޑައިގެންނެވި ދުވަހެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަޑައިގެންނެވީ ޙިމާރުކޮޅަކަށް ސަވާރުވެވަޑައިގެންނެވެ. أســــامـــــة بــــن زيــــد رضـــى اللّــــه عــنـــــه އެމާތް ސާހިބާގެ ފަހަތްޕުޅަށް އެ ޙިމާރުކޮޅުގެ މައްޗަށް ސަވާރުކުރުއްވައިފައި އިންނެވިއެވެ.

أســــامـــــة بــــن زيــــد رضـــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. "عـبــد اللّــــه بـــن أبــّــي بـــن ســلـــول މަގުމަތީން ތަނެއްގައި މަޖިލިސް ހަދައިގެން އިނެވެ. އޭނާގެ ޤަބީލާގެ މީހުން އޭނާ ވަށްކޮށްލައިގެން ތިއްބެވެ. އޭގެތެރޭގައި މުސްލިމުންނާއި މުޝްރިކުންވެސް ތިއްބެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެވަގުތު އެމަގުން ލައްވައިފައި ވަޑައިގެންނެވުމަކީ މުލުމުނާފިޤު عـبــد اللّــــه بـــن أبــّــي ހިތާވާ ކަމަކަށެއް ނުވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފެނުމުން عـبــد اللّــــه بـــن أبــّــي މޫނުމަތީ ރުމާ އަޅައިގެން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންގެ ގާތަށް ވަޑައިގެން ޙިމާރުކޮޅު މަޑުކޮށްލެއްވުމަށްފަހު ފައިބައިވަޑައިގެން އެބައިމީހުނަށް ސަލާމްކޮށްލައްވައިފައި އިރުކޮޅަކު ހަނުހުންނެވިއެވެ. އިރުކޮޅެއް ކޮށްލައްވައިފައި ކީރިތި ޤުރްއާނުގެ ބައެއް އާޔަތް ކިޔަވައި ވިދާޅުވެދެއްވިއެވެ. މާތް اللّــــه އަށް ބޯލަނބައި ކިޔަމަންވާން ދަޢުވަތު ދެއްވިއެވެ. އެކަލާނގެ ރަސްކަންފުޅުގެމަތީން ހަނދާންކޮށްދެއްވިއެވެ. އެކަލާނގެ ކޯފާއަށް ބިރުވެތިވާން އިންޒާރުކުރެއްވިއެވެ. عـبــد اللّــــه بـــن أبــّــي ފޫހަރައިގެން ތައްބައްދައިގެން އިނެވެ. އަނގައިންވެސް ނުބުނެއެވެ. ނަމަވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ވާހަކަފުޅު ނިންމައިލައްވައިފައި އެތަނުން ދުރަށް ވަޑައިގަންނަވާން ފެއްޓެވުމުން ވަރަށް އަދަބުކުޑަ ނާތަހުޒީބު ގޮތަކަށް ބާޒާރީ ބަހުރުވައިން ހަޅޭއްފަޅޭއްޖަހައިގަތެވެ.

"އޭ މިހިރަ މިވެނި މީހާއެވެ! – ކަލޭގެ ވާހަކަދެއްކުމުގައި ތިޔަގެންގުޅޭ ގޮތެއް ރަނގަޅެއް ނޫނެވެ. ކަލޭގެ ގޭގައި މަޑުވެ އިންނާށެވެ. ކަލޭގެ ގާތަށްދާ ބަޔަކާ އެކަނި ވާހަކަ ދައްކާށެވެ. – ކަލޭގެ ގާތަށް ނުދާމީހުނަށް އުނދަގޫ ނުކުރާށެވެ. އެބައިމީހުންގެ ގެދޮރަށް – ސަރަޙައްދަށް – އައިސް އެބައިމީހުންނަށް އެމީހުން ނުރުހޭ ޒާތުގެ ދަޢުވަތު ނުއިއްވާށެވެ!"

ވިސްނައިވަޑައިގަންނަވާށެވެ. ވާހަކަދެއްކުމުގެ މި ނާތަހުޒީބު ބަހުރުވައާއި ބޭނުންކޮށްފައިވާ ހުތުރު ބަސްތައް ކިރުއްވައި ވަޒަންކުރައްވާށެވެ. އެއިން ކޮންމެ ލަފުޒެއްވަނީ ޒަހަރުން ކަޅިވެފައެވެ. ކުނި ބިސްތަކެއް ފަދައިން ވަސްނުބައިވެފައެވެ. ޙަޤީޤަތުގައި عـبــد اللّــــه بـــن أبــّــي ގެ ދުލުން އެބޭރުކުރީ އޭގެ ކަޅުހިޔަނި ކުރުވަމުން ފިލަމުން ނެތެމުންދިޔަ ޢަރަބި ޖާހިލިއްޔަތުގެ އަޑެވެ. ރަންކުރުވަމުންއައި އަމްނާއި ޢާފިޔަތުގެ ފަތިހާމެދު ޖާހިލިއްޔަތުގެ ހިތްނުބައިކަމެވެ. ހަސަދަވެރިކަމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުންނެވީ އެމާތް ސާހިބާގެ މަތިވެރި މަޤާމުގައެވެ. އެނުލަފާ ގޮހޮޅު عـبــد اللّــــه بـــن أبــّــي ގެ ވެތުރުމުގެ އަޑުއެއްސެވިއެވެ. އިންސާނީ ތާރީޚުދުށް އެންމެ كـــــريـــم الــنّــفـس ގެ ވެރިސާހިބާ ކޯފާގެމައްޗަށް އިސްކުރެއްވީ ހިތްޕުޅު މަޑުކަމެވެ. ހިތްޕުޅު ހެޔޮކަމާއި ޢަފޫކުރެއްވުމެވެ.

(ނުނިމޭ)