ޖަޕާނަށް އައި ބިންހެލުމަށްފަހު 72 ގަޑިއިރު ފަހުން 80 އަހަރުގެ މީހަކު ސަލާމަތްކޮށްފިއެވެ.

ޖަޕާނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ގައުމުގެ ރެސްކިއު ޓީމުތަކުން ގެންދަނީ އަވަދިނެތި ކުރަމުންނެވެ.

ރެސްކިއު ޓީމުތަކުން އިއްޔެ ވަނީ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން 80 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފައެވެ.

ޖަޕާނުގެ ވަޖިމާ އަވަށުން އެ މީހާ ސަލާމަތްކޮށްފައިވާ އިރު، އެ މީހާ އެތަނުގައި ތާށިވެފައި އޮންނަތާ 72 ގަޑިއިރު ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެ މީހާގެ ހާލު ރަނގަޅު ނަމަވެސް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި 82 މީހުން މަރުވެފައިވާ އިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

ޖަޕާނަށް އައި ބިންހެލުމުގައި 330 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދީފައިވާ އިރު، 30،000 އަށްވުރެ ގިނަ މީހުން ވަގުތީ ބޯހިޔާވަހިތަކުގައި ތިބިކަމަށް އޮފިޝަލުން ބުނެއެވެ.