ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި މިހާރު ކުރަމުންދަނީ ފުލެޓުތައް ހަވާލުކުރުމަށް ކުރަންޖެހޭ ކަންކަން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފުލެޓުތައް ހައްގުވެރިންނަށް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް އެ ކުންފުނިން އިސްކަންދޭނެ ކަމަށެވެ.

"މިހާރު މި ކޯޕަޜޭޝަނުން ކުރަމުންދަނީ ޔުނިޓުތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތެވެ،" އެފްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ހަވާލުކޮށްފައިވާ 31 ޝީޓް އަޅައި ނިމިފައިވާ ކަމަށާއި އެއީ މިހާތަނަށް އެ މަޝްރޫއުގައި ކުރިއަށް ގެންދިޔަ އެންމެ ހަލުވި ސްލެބް ސައިކަލް ކަމަށް އެފްޑީސީން ބުންޏެވެ. ހައުސިން ޔުނިޓުތަކުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެފްޑީސީން ހަދަމުންދާ ހައުސިން ޔުނިޓުތަކަކީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކުރީ މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދާ 32 ހައުސިން ޓަވަރެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ދެއްކުމަށް ނޫސްވެރިން ގޮވައިގެން އެފްޑީސީން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސައިޓަށް ގޮސްފައެވެ. އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ އެ ދުވަހު ވިދާޅުވެފައިވަނީ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އަންނަ މާޗު މަހުގެ ނިޔަލަށް "އުދަރެސް"ގެ ތިން ފްލެޓަކަށް ފެނާއި ކަރަންޓު ލައި، މީހުންނަށް އުޅެވޭވަރު ކުރުން ކަމަށެވެ.

"މީހުން ވެއްދުމުގެ މަސައްކަތް ހަމަ ލިސްޓް ފައިނަލް ވެގެން އަންނަހާ އަވަހަކަށް، މި ޓަވަރަށް އެސައިން ކުރާ ބޭފުޅުންނަށް މި ޓަވަރު ބޭނުން ކުރެވޭނެ އެގްރީމެންޓް ލިބޭއިރު. އެކްސްޓާނަލް ބައެއް މަސައްކަތްތައް ކުރިއަށްދާނެ މި ދެންނެވި މުއްދަތުގެ ފަހަށް ވިޔަސް" އޭނާ ވިދާޅުވެފައިވެއެވެ.

ޝަމޫލް ވިދާޅުވެފައިވަނީ އެ ފްލެޓުތައް ނިންމަން ބޭނުންވާ މެޓީރިއަލް ހަމަކޮށްފައިވާ ކަމަށާއި ނުލިބި ހުރީ އެ ފްލެޓުތަކަށް ބޭނުންވާ ލިފްޓުތައް އެކަނި ކަމަށެވެ. އަދި ޕާކިން އޭރިއާތަކުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޮންމެ ޔުނިޓަކަށް ސައިކަލު ޕާކުކުރަން އެއް ސްލޮޓް ލިބޭނެ ކަމަށެވެ. ޕާކިން ފްލޭންގައި ކާ ޕާކިން ނުހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާއިރު ފިހާރަތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނޭ އެހެނިހެން ހިދުމަތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން ބޭންކުގެ ހިދުމަތާއި ކްލިކް ފަދަ ތަންތަނުގެ ހިދުމަތް ހަމަޖައްސަމުންދާއިރު ފިހާރަތައް ހަދަން ޓެންޑާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.