ކުރީ ސަރުކާރުގައި ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރަން އަލުން ފަށައިފިއެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބައެއް ބިންތައްވެސް ވަނީ ހަވާލުކޮށްފައެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސްއެމްއެސްގެ މެދުވެރިކޮށް ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

އަދި މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަކުރެވޭ ނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހު ކުރެވޭނޭ ކަމަށްވެސް ބުނެފައިވެއެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ މީހުންނަށް މި ހަފުތާއާއި އަންނަ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.