ހަރުދަނާ ގަވާއިދަކާއި އުސޫލެއް ހަދައި އާއްމު ނުކޮށް، ވެހިކަލްގެ އުމުރުގެ މުއްދަތު އިތުރުކޮށްދޭން ސޮއި ނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އިބްރާހިމް އަމީން ވިދާޅުވެއްޖެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އަމީން ވިދާޅުވީ، ވެހިކަލްގެ އުމުރު ފަސް އަހަރުގެ މުއްދަތު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެފަދަ އުޅަނދުފަހަރުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު މިނިސްޓްރީއަށް އޮންނަ ކަމަށެވެ.

ނަމަވެސް އެކަން ކުރާނެ އުސޫލެއް އަދި ގަވާއިދެއް ނެތުމުން އެފަދަ ވެހިކަލްތަކަށް އިތުރު މުއްދަތެއް ދިނުމަށް އޮންނަނީ މިނިސްޓަރުގެ ސޮޔާއެކު ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށް ގަވާއިދެއް ހެދުުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ގަވާއިދު ހަދައި ނިމި ގެޒެޓް ކުރެވެން ދެން އެފަދަ ވެހިކަލްތަކުގެ މައްސަލައިގައި ސޮއި ނުކުރައްވާނެ ކަމަށާއި މިނިސްޓްރީއާ ހަވާލުވެވަޑައިގެން ފަހުން އެފަަދަ ސޮޔެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

"އެއީ ފަސް އަހަރު ވެފައިހުރި ނަަމަވެސް ރަޖިސްޓްރީ ކުރުމުގެ ޕްރޮސެސްއަށް ގެނެވޭ އުޅަނދުފަހަރު ރަޖިސްޓްރީ ނުކޮށްދޭން ކުރާ ކަމެއް ނޫން. އެ ކަމަކީ އެންމެނަށް އެއް އުސޫލުން އެކަން ކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމުގެ ބޭނުމުގައި ކުރާ ކަމެެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އުސޫލެއް އަދި ގަވާއިދެއްނެތި އެކަން ކުރާނަމަ އެކަމުގެ ސަބަމުން މިނިސްޓްރީ އާއި މިނިސްޓަރަށް ބަދުނާމުތަކެއް އަންނާނެ ކަމަށާއި އެހެންކަމުން އެ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފެށުމުގެ ކުރިން އެކަމަށް ސޮއި ނުކުރައްވާނެ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.