ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަސައްކަތް މާދަމާ ރޭ އިފުތިތާހު ކުރަން ނިންމައިފިއެވެ.

އެ މަޝްރޫއު މާދަމާ އިފުތިތާހު ކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝައްމާން ޝާކިރު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ދެވަނަ ދިޔަވަހީގެ ދަށުން ކުރާ މަސައްކަތްތަކުގެ ތަފްސީލެއް ނުދެއްވައެވެ.

މާދަމާރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގައި ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވާނީ ރައީސް މުހައްމަދު މުއިއްޒުއެވެ.

އެ އެއާޕޯޓު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރުވެސް ބައެއް މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން އާ ފަސިންޖާ ޓާމިނަލްއަކާއި އާ ކާގޯ ޓާމިނަލްއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން، އާ ރަންވޭއާއި އާ ސީޕްލޭން ޓާމިނަލްގެ އިތުރުން ވީއައިޕީ އަދި ސީއައިޕީ ޓާމިނަލް ބޭނުންކުރަން ފަށާފައިވާ އިރު، އާ ފިއުލް ހައިޑްރެންޓް ނިޒާމު ބޭނުންކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްގެ މަގާމާ ހަވާލުވެލެއްވުމުގެ ކުރިން ވީއައިއޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ. އަދި އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އެ އެއާޕޯޓްގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.