ހުޅުމާލޭ ސަހަރާގައި ފެންބޮޑުވާތީ އެ ތަނުގައި މީހުން ވަޅުލުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު އާމިނަތު ޝަތުފާ މިއަދު "ވަން" އަށް ވިދާޅުވީ ހުޅުމާލޭ ސަރަހާގައި ފެންބޮޑުވާން ފެށީ މާލެއަށް މި ހަފުތާ ކުރި ވިއްސާރައަށް ފަހު ކަމަށެވެ.

"ތިން ފޫޓަށް ކޮންނަން ޖެހޭ، އެކަމަކު އެއް ފޫޓަށް ކޮންނަ އިރަށް ފެން އަރައި" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުވާން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށާއި އެކަން ހައްލުވަންދެން މީހުން ވަޅުލާނީ އާ ސަހަރާގައި ކަމަށެވެ. އެހެން ނަމަވެސް މައްޔިތާގެ މޫނު ދެއްކުން ކުރިއަށް ދާނީ ހުޅުމާލޭ ސަހަރާގައި ކަމަށް ވިދާޅުވިއެވެ.

އާ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައި ވަނީ އެ ތަނުގައި އާ އިމާރާތްތަކެއް ހަދަމުން އަންނާތީއެވެ. އާ ސަހަރާގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ލަސްވުމުން، އެ މަސައްކަތް ވަނީ އިތުރު ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެ އާއި އާދިއްތަ ދުވަހު ހުއްޓާނުލައި އެތައް ގަޑިއިރެއް ވަންދެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށްވެސް ފެން ވަދެފައިވެއެވެ.