ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރަށް ދިން ހަމަލާއަށްފަހު އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ދެކުނު ކޮރެއާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ލީ ޖައޭ މިޔޮން އަށް ހަމަލާ ދީފައިވަނީ އެގައުމުގެ ދެކުނުން އޮންނަ ބުސާން ސިޓީގައި އަންގާރަ ދުވަހު ކުރިޔަށްދިޔަ އިވެންޓަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުންދަނިކޮށެވެ.
ހަމަލާ ދިން މީހާ ވަނީ ލީގެ އޮޓޯގްރާފް ހޯދުމަށް ކަމަށް ބުނެ ނޫސްވެރިންގެ ފަހަތުން ގޮސް ލީއާ ހަމަވުމުން އޭނާގެ އަތުގައި އޮތް ވަޅިއެއް ލީގެ ކަރަށް ހަރާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމަލާ ދިނުމާއެކު އިމަޖެންސީގައި ލީ އަށް ފަރުވާ ދިނުމަށް ވަގުތުން ވެރިރަށް ސޯލް އަށް ގެންދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ. ލީއަށް ދިން ހަމަލާ އަރާފައިވަނީ އޭނާގެ ކަރުގެ މައި ނާރަށް ކަމަށާއި ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ދެކުނު ކޮރެއާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާނު ކްވުން ޗިލް ސިއުން ވަނީ ލީއަށް ދިން ހަމަލާއަކީ ސިޔާސީ ގޮތުން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނެފައެވެ.
ބުސާންގެ ފުލުހުންގެ އޮފިޝަލުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށް ތަހުގީގު ފަށައިފައެވެ. ހަމަލާދީފައިވަނީ އެގައުމުގެ ސޮން ޖީ ހަން ނަމަކަށް ކިޔާ މީހެއް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ