އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އައިޝަތު ޖެނިފާ، އެ މަގާމުން ވަކިކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޖެނިފާ ވަކިކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިއޭއެސްގައި އޭނާ ވަނީ 27 އަހަރު ވަންދެން ހިދުމަތް ކުރައްވައިފައެވެ.

ޖެނިފާ، އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގައެވެ.

އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ އެކުންފުނީގެ ޑެޕިއުޓީ ހެޑް އޮފް ކާގޯގެ މަގާމު އަދާކުރައްވައިފައެވެ. އެ މަގާމުގައި ހުންނަވަނިކޮށް 2016 ގައި އޭނާ ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބެލުމަށްފަހު އަލުން ވަޒީފާ ދިނުމަށް ހުކުމް ކުރިއެވެ.