ވޭތުވެދިޔަ ތިން ސަރުކާރެއްގައި އޭނާ ވަނީ ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައި ކަމަށާއި އޭނާގެ އިހުލާސްތެރިކަމާއި ގާބިލިއްޔަތު ކަމަށް ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރޫ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރުގެ މަގާމަށް އިންތިހާބު ކުރަންވާނީ މިހާރު މިއޮތް ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ މީހެއްގެ ބަދަލުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާއަކީ އޭނާ ގަބޫލުކުރައްވާ ހަމަތަކުގެ މަތީގައި ހުންނަ މީހެއް ކަމަށާއި އޭނާ ހުންނެވީ ސާބިތުކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު މިހުރެ ދަންނަވަނީ އަޅުގަނޑަކީ ހަމަ ޔަގީނުން ވެސް، އަޅުގަނޑަކީ ތިން ސަރުކާރުގެ ވަޒީރުކަން ކޮށްފައި ހަތަރުވަނަ ސަރުކާރާއެކު މަސައްކަތް ކުރަން މި ފަށަނީ. އަޅުގަނޑުގެ އިހުލާސްތެރި ކަމަށް، ލޯޔަލްޓީއަށް މަސައްކަތުގެ ގާބިލުކަމަށް ސުވާލެއް ނުކުރެވޭނެ. ކުރެވޭނެ ޖާގައެއް އަޅުގަނޑު މިހާ ހިސާބަށް ދީފައެއް ނޯންނާނެ،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އޭނާގެ ވާދަވެރިންގެ ތެރެއިން އެއްވެސް ކެންޑިޑޭޓެއް މި ސަރުކާރުގެ ވިޝަން ހަގީގަތަކަށް ހަދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުނުވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ، އޭނާއާ ގުޅޭ ހިޔާނާތުގެ އެއްވެސް މައްސަލައެއް އެއްވެސް އިދާރާއެއްގައި ނޯންނާނެ ކަމަށެވެ. ނަމަވެސް މޭޔަރުގެ މަގާމަށް ވާދަކުރައްވާ އޭނާގެ ވާދަވެރިއަކާ ގުޅޭ 22 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބަ އޮތް ކަމަށެވެ.

ބައެއް ވާދަވެރިންނަކީ ގައުމު ސަލާމަތް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހަމަލާދިނުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ މީހުން ކަމަށް އާޒިމާ ވިދާޅުވިއެވެ.