ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކަމާ ގުޅޭ ރިޕޯޓެއް ހެދުމަށް ބޭރުގެ ދެ މާހިރަކާ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުން، އިސްތިއުނާފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
އެ ވައުދުގެ ދަށުން ކަނޑުގެ މައްސަލަ ދިރާސާ ކުރުމަށާއި މަސައްކަތް ވިލަރެސް ކުރުމަށްޓަކައި ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުންނެވެ. ދެން އެ ކޮމިޓީގައި ތިއްބަވާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ މަލްޓިލެޓްރަލް އަހުމަދު ޝިއާން އެވެ.
އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމެވުންތައް ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރުމުގެ ކުރިން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ކިންސްގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މޯލްޓާގެ ޕްރޮފެސާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ. އެ ބޭފުޅާގެ ރިޕޯޓް މި މަހު މެދުތެރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ކެބިނެޓަށް ލިބޭނެ. ޔޫކޭގެ ރިޕޯޓް ފެބްރުއަރީ މަސް ތެރޭގައި ކެބިނެޓަށް ލިބޭނެ. އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލައި ތައްޔާރުކުރި ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު