(29 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ޔަހޫދީން ބޭނުންވީ ސިޔާސީގޮތުންވެސް އިސްލާމީ އިންޤިލާބުގެ މައިނާރު ކަނޑައިގަތުމަށެވެ. އެކަމަކު ޔަހޫދީންނަކަށް އެކަންވެސް ކުރެވޭކަށެއްނެތެވެ. މުސްލިމުންނާއެކު ސޮއިކޮށްފައިވާ ޙަލީފީ މުޢާހަދާ ވަނީ ޔަހޫދީންގެ ހަތަރެސްފައި ބަނދެފައެވެ. މި ޙަޤީޤަތްތަކުގެ ދާއިރާގައި ހައްޔަރުވެފައިވާތީ ޔަހޫދީންނަށް އެބައިމީހުންގެ އަމިއްލަ ނަފުސުތައް ފެނުނީ ކުޑަވެސް އުރައްޕެއް އާރެއް ބާރެއްނެތް މަޤާމެއްގައި ތިބެވޭތީއެވެ. އަންދުވަހުއްސުރެ ޔަހޫދީންގެ ޝަޚްޞިއްޔަތުގައި ހުންނަ ބަލިބުރަކަމާއި އާރެއް ބާރެއްނެތްކަމުގެ އިޙްސާސާ އެކުވެގެން އެބައިމީހުންގެ ކިބައިގައި އުފައްދައިފައިވަނީ ފިނޑިކަމެވެ. ނުކެރުމެވެ. ބަލިބުރަކަމެވެ. އާރެއް ބާރެއް ނެތުމާއި ފިނޑިކަމާއެކުވެސް އަނެކުންނާ ހަނގާކޮށް ވާދަކުރުމުގެ ޖަޒުބާތު އުފެދޭ މީހުންގެ ޠަބީޢަތަކަށް އަބަދުވެސް ވެފައިވަނީ ހަސަދަވެރިކަމެވެ. ހިތްނުބައިކަމާއި ނީހައެވެ. އެމަގުންލާފައި އެބައިމީހުން ގެންދަނީ ފިލައިތިބެ ޙަމަލަދޭ ނިފާޤުގެ މަރުކަޒުތަކަށެވެ. އިދިކޮޅުފަރާތާ ކުރިމަތީން ދިމާކޮށް ޙަމަލަދިނުމުގެ ބަދަލުގައި އަބަދުވެސް އެފަދަމީހުންގެ އާދަޔަކީ ފުރަގަހުން ޙަމަލަދިނުމެވެ. ބުރަކައްޓަށް ޚަންޖަރު ހެރުމެވެ. ޔަހޫދީން ޚިޔާރުކުރީ މިދެންނެވި ފިނޑި މައުޤިފެކެވެ. މުސްލިމުންނާ ކުރިމަތިލައި ފާޅުގައި ޙަމަލަދިނުމުގެ ބަދަލުގައި ފުރަގަހުން ޙަމަލަދިނުމެވެ.

މުނާފިޤުންގެ ފަންވަތުގައި ހިމެނޭ މީހުން ދެގޮތަކަށް އެބައިމީހުންގެ މަސައްކަތުގައި މަޝްޣޫލުވިއެވެ. އެއްބަޔަކު ޔަހޫދީންނާ ބައިވެރިވެގެން އެބައިމީހުންގެ ބަދަލުހިފުމުގެ ހަސަދަވެރި ޖަޒުބާތުގައި މަސައްކަތް ފެށިއެވެ. އެކަމަކު އެބައިމީހުންގެ ކިބަޔަކުވެސް ފާޅުގައި މުސްލިމުންނާ ޙަމަލަދެވޭފަދަ އުރައްޕެއް ނެތެވެ. އެހެންކަމުން އެބައިމީހުން މަސައްކަތްފެށީ ނިފާޤުގެ ސިއްރު މަރުކަޒުތަކުންނެވެ. އިސްލާމްދީނުގެ ބާރުގަދަވަމުންދާތަން ފެނުމުން ތިމާމެންގެ މުސްތަޤްބަލު ގިރިޓީކުރުމަށްޓަކައި ހެދޭންއޮތްގޮތަކީ އެއީކަމުގައި ދެކެގެންނެވެ. އަނެއްބަޔަކު ކުރިމަގު އާލާކުރާން ނިޤާބުއަޅައި މޫނުފޮރުވައިގެންތިބެ އިސްލާމީ ތަޙްރީކުގެ ތެރެޔަށް ވަލުދޮރޯށީން ވަނީއެވެ.

މިދެންނެވި ވަލުދޮރޯށި ހުޅުވައިލުމަކީވެސް ޙަޤީޤަތުގައި ޔަހޫދީ ޒިހުނިއްޔަތުން ކުޅުނު ކުޅިޔެކެވެ. އެބައިމީހުންގެ ޢަދާވަތްތެރި ޖަޒުބާތު އިސްލާމްކަމުގެ ނިޤާބުގެ ތެރޭގައި ފޮރުވައިގެންނެވެ. ފަސްވަނަ ކޮލަމުގެ މީހުންގެ ގޮތުގައި އިސްލާމީ ދާއިރާއަށް އެންމެގިނައިންވަނީ ޤައިނުޤާއުވަންހައިގެ ބޮޑުންނެވެ. އޭގެތެރެއިން ހޮވައިލެވޭ މީހުންނަކީ (1) سـعــــد بـــن حـنـيـف (2) زيــــد بـــن لُـصَـيـت (3) نـعـمــان بـــن أوفـــى بـــن عــمـــــرو (4) رافـــع بـــن حــــريـملــة (5) رفــاعــــة بـــن زيــــد بـــن تــابــــوت (6) سـلـيـلــة بـــن بــــرهـــــام (7) كـنـــانــــة بـــن صــوريـــا މި ހަތް މީހުންނެވެ. މުނާފިޤުންގެ ރައީސް عـبــد اللّــــه بـــن أبــّــي بـــن ســلـــول ގެ ނަމެއް އަޅުގަނޑު މި ލިސްޓަކު ނުހިމަނަމެވެ. އޭނާ މުނާފިޤުވުމުގެ ސަބަބު ތަފާތުވުމާ އެކުގައެވެ. އޭނާގެ ދައުރު މާބޮޑަށް ޢާންމުވުމާއެކުވެސްމެއެވެ.

މީގެތެރޭގައި ހިމެނޭ زيــــد بـــن لُـصَـيـت އަކީ عــمـــــر رضـــى اللّــــه عــنـــــه ގެ ގައިކޮޅުގައި ބަނޑުމުސާރަޔަށް ބެއްދި މީހެކެވެ. ބަނީ ޤައިނުޤާޢުގެ ބާޒާރެއްގެމަތީގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޖަމަލުކޮޅެއް ގެއްލުމުންވެސް މީނާވަނީ އެކަމަށް ފުރައްސާރަކޮށްފައެވެ. އަވާނިވާކޮށްފައެވެ. އޭނާ މަލާމާތުގެގޮތުން ބުނެފައިވެއެވެ.

"މިހިރަމީހާ އުޑުން ޚަބަރުގެނެސްގެން ފަތުރަމުންދާއިރު އޭނާގެ ޖަމަލު މިވަގުތުވީ ކޮންތަނެއްގައި ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އޭނާގެ ވާހަކަޔަށް ޖަވާބުދެއްވަމުން ޙަދީޘުކުރެއްވިއެވެ. "މާތް اللّــــه އަށްޓަކައި ވިދާޅުވަމެވެ. ޢަލީމުވަންތަ ހުސްޠާހިރުވަންތަ اللّــــه އެންގެވިކަމެއް އެންގެވި މިންވަރަކަށް މެނުވީ އަހުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަމަކު އަރަހުށި މާތް اللّــــه ވަނީ އަހުރެންގެ ޖަމަލުގެ ޚަބަރު މިހާރު އަހުރެންނަށް ދެއްވައިފައެވެ. އެ ޖަމަލު މިވެނި ވާދީއެއްގައި އެބައޮތެވެ. އޭގެ ލަގަންވަނީ ގަހެއްގައި އޮޅި ހައްޔަރުވެފައެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އެކުވެރީން އެ ޖަމަލުކޮޅު ހޯއްދަވާން ނުކުމެވަޑައިގެންނެވިއެވެ. އެބޭކަލުންނަށް ފެނިވަޑައިގެންނެވީ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚަބަރުދެއްވިގޮތަށް އެ ޖަމަލުކޮޅު އޮއްވައެވެ.

މި ޖަމާޢަތުގެ ތެރޭގައި ހިމެނޭ رافـــع بـــن حــــريـملــة ނިފާޤުގެ ހުރި ބޮޑުކަން ހިތްޕުޅަށް ގެންނަވާށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެ މަރުވި ދުވަހު ޙަދީޘްކުރެއްވިއެވެ. "މުނާފިޤުންގެ އިސް ސަރުދާރުންކުރެ އެކަކު މިއަދު މަރުވެއްޖެއެވެ." މީގެތެރޭގައި ހިމެނޭ رفــاعــــة بـــن زيــــد بـــن تــابــــوت އަކީވެސް މުނާފިޤުކަމުގައި އެފަދަ އަރާހުރި މީހެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޣަޒުވާ ބަނުލްމުސްޠަލިޤުން އެނބުރިވަޑައިގެންނެވި ދުވަހަކީ މަދީނާގެ ސަރަޙައްދަށް ވަރުގަދަ ޠޫފާނެއް ލައިގަތް ދުވަހެކެވެ. ޞަޙާބީން އެވަރުގަދަ ޠޫފާނީ ކޮޅިގަނޑާހުރެ ވަރަށް ކަންބޮޑުވެވަޑައިގެން އުޅުއްވާން ފެއްޓެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޞަޙާބީންނަށް ތަސައްލީ ދެއްވަމުން ޙަދީޘުކުރެއްވިއެވެ. "ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. މި ޠޫފާނަކީ މުނާފިޤުންކުރެ ބޮޑަކު އޭނާގެ އަބާއްޖަވެރި ނިމުމާ ހަމަޔަށް ގެންދާންވެގެން އުފެދުނު ޠޫފާނެކެވެ." ޞަޙާބީން މަދީނާއަށް ވަޑައިގެންނެވުމުން އެނގިވަޑައިގެންނެވީ އެ ޠޫފާނުގެ ގަދަވަޔާއި ދެމިގެންއައި ސައިލުގެ ރާޅުތަކާއެކު رفــاعــــة ގެ ފުރާނަ އުދުހިގެން ހިނގައްޖެކަމެވެ.

ފަސްވަނަ ކޮލަމުގެ މީހުންނާގުޅޭ ވަރަށް ޝައުޤުވެރި ޙަޤީޤަތެކެވެ. މިތާނގައި ހަތްމީހެއްގެ ނަން ބަޔާންކުރިކަމުގައިވިޔަސް މުނާފިޤުންނަކީ މާކަ ބައިމަދު ބައެއްވެސް ނޫނެވެ. އެކަމަކު ފަސްވަނަ ކޮލަމުގައި ހިމެނެނީ ޒުވާނުންކުރެ އެންމެ މީހެކެވެ. އެމީހަކީ قُسّ بـــن عــمـــــرو بـــن سـهـــل އެވެ. ދެން ހައްތާވެސްތިބީ ދެވަންފުރަޔަށްވުރެ ދޮށީމީހުންނެވެ. ތަނަވަސް މީހުންނެވެ. ޒުވާނުންގެ ބާރުއޮތީ އިސްލާމީ ތަޙްރީކާ އެއްކޮޅަށެވެ.

އިސްވެދެންނެވި މީސްމީހުންނަކީ ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ ޕާޓީއަށް މީހުން ވެއްދުމުގެވެސް އިސްވެރީންނެވެ. އެބައިމީހުންގެ އެއްމަސައްކަތަކީ އެބައިމީހުންގެ ދާއިރާތަކުން އިސްލާމީ ޖަމާޢަތުގެ ތެރެއިން ޢަޤީދީގޮތުން ބަލިކަށި ސާބިތުކަންކުޑަ މީހުން ހޯދައި އެބައިމީހުންގެ ހިތްތަކުގައި ނިފާޤުގެ އޮށް އިންދުމެވެ. އެއަށްފަހު ތިމާމެންގެ މަޤްޞަދުގައި އެމީހުން ބޭނުންކުރުމެވެ. މުސްލިމުންގެ މަޖިލިސްތަކުގައި އެފަދަ މީހުން ބައިވެރިކުރުވައި މުހިންމު ކަންކަމުގައި ކުރެވޭ މަޝްވަރާތައް ފަނިކޮށް ފުރައްސާރަކޮށް ޖައްވު ކިލަނބު ކުރުވުމެވެ. އެމީހުން ދުވާލު މިސްކިތްތަކަށްގޮސް ދުވަހުގެ މުހިންމު ވާހަކަތައް އަޑުއަހައެވެ. އެއަށްފަހު އެބައިމީހުންގެ މަޖިލިސްތަކަށް އެނބުރިގޮސް މުނާފިޤުންގެ މުލުމީހުންނަށް ރިޕޯޓު ދެއެވެ. ރޭގަނޑުގެ މަސައްކަތަކީ އިސްލާމީ ތަޙްރީކާ ދެކޮޅަށް ނުބައި ރޭވުންތައް ރޭވުމެވެ. ދުވާލުގެ ކަމަކީ އެ ރޭވުންތަކަށް ތަފާތު ގޮތްގޮތުން ޢަމަލީސިފަ ގެނައުމެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށާއި އިޚްލާޞްތެރި މުސްލިމުންނަށް އެކަންކަން ވަންހަނާވެފައެއްވެސް ނޯވެއެވެ. އަރަހުށި މާތް اللّــــه ހުރިހައި މަރްޙަލާތަކެއްގައިވެސް އެބައިމީހުންގެ ޚިޔާލަތާއި ޙަރަކާތްތަކުގެ ޚަބަރުތައް އެކަލާނގެ ނަބިއްޔާއަށް ދެއްވަމުން ގެންދަވައެވެ. އެބައިމީހުންގެ ނުބައިނުލަފާ ޒަމީރުގެ ޚާއްޞަ ޢަލާމަތްތައްވެސް ފާޅުކޮށްދެއްވައެވެ.

ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ ޢަމަލުތައް ބައެއްފަހަރުވަނީ އިންސާނުންކުރެ އެންމެ ކެތްތެރި ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބަރުދާސްތުކުރެއްވުމުގެ ދާއިރާއިންވެސް ބޭރަށް ނުކުމެފައެވެ. އަލްމަސްޖިދުއްނަބަވީގައި އެއްދުވަހަކުއޮތް ޢާންމު މަޖިލީހެއްގައި މުނާފިޤުންގެ ވިލިތައް ޖަމާޢަތާ ވަކިވެ ކޯޅިކޯޅިޔަށް އެއްވެގެން ޗުކުޗުކުއަޅުވާތީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އުނދަގޫފުޅުވެގެން އެބައިމީހުންވަނީ މިސްކިތްކޮޅުން ނެރުއްވައިފައެވެ.

(ނުނިމޭ)