ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބޭރުގެ ގައުމުތަކުގެ އިސްވެރިންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރަހުމަތްތެރި ގައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވެވި މެސެޖުގައި އެ ގައުމުތަކުގެ ސަރުކާރާއި ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ފެށި އަހަރަކީ އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމަށާއި އެ ގައުމުތަކާ ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ރައީސް ވަނީ ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުގެ އިސްވެރިންނަށްވެސް އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އެގޮތުން އދ، ސާކް އަދި ކޮމޮންވެލްތަށް ތަހުނިޔާ ފޮނުއްވާފައިވާއިރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަށް ހައްލުކުރުމަށާއި ދުނިޔޭގެ ހާލަތު ރަނގަޅު ކުރުމަށް އެ ޖަމިއްޔާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ބުންނެވެ.