އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ފުލަމް އަތުން ބަލިވެ، އާސެނަލަށް އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

މިރޭ ރަށުން ބޭރުގައި އާސެނަލް ފުލަމް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލުން އަހަރު ނިންމާލީ ހަތަރު ވަނައިގައެވެ. އެޓީމުން ހަތަރު ވަނައިގައި އޮތީ 20 މެޗުން 40 ޕޮއިންޓާއެކުގައެވެ. އާސެނަލް މިރޭ މޮޅުވި ނަމަ، 43 ޕޮއިންޓް ހަމަކޮށް އެއްވަނައަށް އެރެން އޮތެވެ. މިވަގުތު އެއްވަނައިގައި 19 މެޗުން 42 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު، އެސްޓަން ވިލާ ދެވަނައިގައި އޮތީ 20 މެޗުން 42 ޕޮއިންޓާއެކުގައެވެ.

މެންޗެސްޓާ ސިޓީ ތިންވަނައިގައި އޮތީ 19 މެޗުން 40 ޕޮއިންޓާއެކުގައެވެ. ފުލަމް މިރޭ ހޯދި މޮޅަކީ އެޓީމުގެ ބަލިވުމުގެ ސިލްސިލާއަށް އައި ނިމުމެކެވެ. މިރޭގެ މެޗުން މޮޅުވެ، ފުލަމް އޮތީ 13 ވަނައިގައެވެ.

މިރޭގެ މެޗު އާސެނަލް ފެށީ ވަރުގަދަ ފެށުމަކުންނެވެ. ފުރަތަމަ ފަސް ވަރަކަށް މިނެޓް ތެރޭގައި އާސެނަލުން ލީޑު ނެގީ ކައުންޓާ އެޓޭކެއްގައެވެ. ކައުންޓާގައި އާސެނަލްގެ ގޯލު ޖަހައިދިނީ ބުކަޔޯ ސަކާއެވެ. ގެބްރިއަލް މާޓިނެލީ ކާވްކޮށްލި ޝޮޓް ފުލަމްގެ ގޯލްކީޕަރު ބާންޑް ލެނޯ އަތުގައި ޖެހިފައި ވެއްޓުމުން، ސަކާ ވަނީ އެ ބޯޅައިގެ ފައިދާ ނަގައިފައެވެ.

އެ ގޯލާއެކު އާސެނަލުން ލީޑު ނެގި ނަމަވެސް، ފުލަމްގެ މަސައްކަތް މެޗުގައި ފެނުނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ފުލަމްއިން ނަތީޖާ އެއްވަރު ކުރީ ރައުލް ހިމަނޭޒްގެ ގޯލުންނެވެ. ދެވަނަ ހާފަށް ނުކުމެ ފުލަމްއިން މެޗުގެ ލީޑު ނަގައި، ނަތީޖާ އަނބުރާލި އިރު، އެ ގޯލު ޖަހައިދިނީ 59 ވަނަ މިނެޓުގައި ޑެ ކޯޑޯވާ-ރީޑެވެ.