ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް އޮފީހުން) މިއަދު މެންދުރުފަހު 3:15 އިން 5:30އަށް އެ އެލާޓު ނެރެފައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ. މިއީ މި ދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން އޮރެންޖް އެލާޓް ނެރުނު ދެވަނަ ފަރެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދަލުވާ ދުވަސްވަރުކަމުން ކުރަމުންދާ ވިއްސާރަ ކަމަށެވެ. އަދި މިއަދު ހެނދުނު 8:00 އިން 11:00 އަށް 75 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ވިއްސާރަ ކުރިއަށް ތިން ދުވަހުވެސް ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާ ބަންދުގައި ކަމަށްވެސް ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވީއައިއޭގެ ގިނަ ފްލައިޓުތަކެއްވެސް ވަނީ ޑިލޭކޮށްފައެވެ. އަދި ބައެއް ފްލައިޓުތައް ކެންސަލްވެސް ކޮށްފައިވާއިރު، ބައެއް ފްލައިޓުތައް ޑައިވާޓު ކުރަމުންދާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު