ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފަސް ރަށަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓްކޮށްފައި ވަނީ ފ. ނިލަންދޫ އާއި ކ. ގުރައިދޫ އާއި ލ. ގަމާއި ފޮނަދޫ އަދި ސ. މަރަދޫން ކަމަށެވެ. އޭގެ ތެރެއިން ގުރައިދޫގެ 20 ގެއަކަށް ފެންވަދެފައިވާއިރު، ބެންވޮޑުވުމުގެ ސަބަބުން ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
ވިއްސާރައިގައި މާލޭގައި ބައެއް ގޭގެއަށްވެސް ފެންވަދެފައިވާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މޫސުމާ ބޭހޭ އިދާރާއިން (މެޓް އޮފީހުން)ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ އާންމުކޮށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކުރާ ވިއްސާރަ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސަރަ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު