މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެންދެން އެމްޑީޕީ އޮންނާނީ މަޖިލީހުގެ މެޖޯރިޓީ އާއެކު ވަރުގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ބަދަލުވެފައިވަނިކޮށް، އެމްޑީޕީގެ ޕީޖީ ގުރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީއާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، މިހާރުވެސް މަޖިލިސް މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށާއި ދައުރު ނިމެންދެންވެސް އެ ޕާޓީގެ މެޖޯރިޓީ މަޖިލީހުގައި އޮންނާނެ ކަމަށެވެ. އެހާ ގިނަ މެންބަރުން އެއްފަހަރާ އެމްޑީޕީ ދޫކޮށް ދިއުމަކީ ފެއިލްވުމެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ފެއިލްވި ބައެއްގެ މެޖޯރިޓީ މަޖިލީހުގައި ނޯންނާނެ ކަމަށެވެ.
އެ މައްސަލައިގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެއްވެސް މެންބަރަކު ޕާޓީން ވަކިވެ ދިއުމަކީ ޕާޓީއަށް ލިބޭ ދެރައެއް ކަމަށާއި އެއީ އެ ދާއިރާގައި ހިމެނޭ ޕާޓީ މެންބަރުންނަށްވެސް ލިބޭ ދެރައެއް ކަމަަށެވެ. ނަމަވެސް އެމްޑީޕީން ވަކިވެގެންދިޔަ މެންބަރުން ޕާޓީއަށް ކޮށްދެވި ހިދުމަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ އެ މެންބަރުން އެމްޑީޕީގައި ބޭތިއްބުމަށް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޕާޓީގެ ލީޑާޝިޕުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެއްވެސް ޕާޓީއަކީ މަޖިލީހަށް ހޮވޭ އަދަދަށް މަޖިލިސް ނިމެންދެން މެންބަރުން ތިބޭ ޕާޓީއެއް ނޫން ކަމަށާއި އެހެންކަމުން އެ މެންބަރުން އެހެން ޕާޓީއަކަށް ދިއުމަކީ ސިޔާސީ ގޮތުން ހިނގި އާ ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަން ބަދަލުވާ ފަހަރުތަކުގައި މަޖިލީހުގެ ތެެރެއިން އަބަދުވެސް އެއީ ފެންނަ މަންޒަރެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު