ދިވެހިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް މަންޒިލް ކަމުގައިވާ އިންޑިއާގެ ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑިން އިއުލާން ފަދަ އިއުލާން ކުރުންތައް ހުއްޓާލަން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ލިމިޓެޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި، 1 ޖެނުއަރީ 2024 އިން ފެށިގެން 31 މާޗް 2024ގެ ނިޔަލަށް 'ސައިލެންޓް އެއާޕޯޓް' ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބޯޑިން އިއުލާން ކުރުންފަދަ ބައެއް އިއުލާންތައް މުޅިން ހުއްޓާލަން ވަނީ ނިންމައިފައެވެ. އޭރުން މުޅި އެއާޕޯޓުން ވަރަށް ބޮޑަށް ހަމަހިމޭންކަން އިހުސާސް ވާނެވެ.

ސައިލެންޓް އެއާޕޯޓަކަށް ބަދަލު ކުރިޔަސް، ޕަބްލިކް އެޑްރެސް ސިސްޓަމްތަކުގެ ތެރެއިން ކުއްލި ހާލަތާ ގުޅުންހުރި ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ބްރޯޑްކާސްޓް ކުރަމުން ގެންދާނެ ކަމަށް އައިއޭއެސް އިން ބުނެއެވެ.

އައިއޭއެސް އިން ބުނީ، ފަސިންޖަރުންނަށް ބޭނުންވާ މުހިންމު އަދި ބޯޑިންއާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް އެއާޕޯޓުގެ އެތެރެއާއި ބޭރުގައި ހާއްސަ ތަންތަނުގައި ބަހައްޓާފައިވާ ސްކްރީންތަކުން ފެންނާނެ ކަމަށެވެ. އަދި ފަސިންޖަރުންނަށް ބޭނުންވާ މުހިންމު އަޕްޑޭޓްތައް ފަސިންޖަރުންގެ މޯބައިލް ފޯނަށް ފޮނުވާނެ ކަމަށް ބުންޏެވެ.