ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރާ 1،460 މީޓަރުގެ ރަންވޭގެ 1،200 މީޓަރު ނިންމުމަށްފަހު، މަހެއްގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.
އާރްއޭސީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަންވޭގެ 1،200 މީޓަރު ކުރިއަށް އޮތް މަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"އަދި ނިމުމާއެކު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، ރަންވޭ ބޭނުންކުރަން ހުޅުވާލެވޭނެ. އަދި 1،200 މީޓަރު ހުޅުވިގެންދާ އިރު، ނައިޓް ލޭންޑިން ފެސިލިޓީ ވެސް ގާއިމުކުރެވިގެންދާނެ. އަދި މީގެ ސަބަބުން ރޭގަނޑު ދަތުރުތަކަށް ހިދުމަތްދެވޭނެ،" އާރްއޭސީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނީ އާ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ. އެއަށްފަހު ރަންވޭ 24 ގަޑިއިރު ބޭނުން ކުރަން ހުޅުވާލާނެ ކަމަށް އާރްއޭސީއެލުން ބުންޏެވެ.
އާ ރަންވޭ ތަރައްގީ ކުރަނީ ތިން ސެގްމެންޓަކަށް ބަހާލައިގެން އެއާޕޯޓު އަދި ރަންވޭ ވެސް ބަންދުނުކޮށް ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަކަށް ކަމަށްވެސް ބުންޏެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުހެ 18 ވަނަ ދުވަހުގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެއެވެ.
އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު