ދަތުރުފަތުރުގައި ހިނގާ ބޮޑެތި އެކްސިޑެންޓްތަކަކީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ކަންކަމެވެ. މީގެ މިސާލަކީ 2014 ވަނަ އަހަރުގެ މާރޗް 8 ވަނަ ދުވަހު މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓެއް 239 މީހުންނާއެކު ގެއްލުނު ހާދިސާއެވެ. އެއަހަރުގެ އެންމެ ބޮޑު ހާދިސާގެ ގޮތުގައި އެ ހާދިސާވަނީ ލިސްޓް ކުރެވިފައެވެ. ހުސްވި 2023 ވަނަ އަހަރު ވައިގެ ދަތުރުފަތުރުގައި އެޒާތުގެ ބޮޑު ހާދިސާއެއް ހިނގާފައި ނުވިއަސް ކަނޑުދަތުރުގައި އެކަހަލަ ކަމެއް ވަނީ ހިނގައިފައެވެ. އެޓްލާންޓިކް ކަނޑުގެ އުތުރަށް ފެތިފައިވާ ޓައިޓޭނިކް ބެލުމަށްޓަކައި ފަސް ފަތުރުވެރިޔަކާއެކު ފީނި ޓޫރިސްޓް ސަބްމެރީނެއް 18 ޖޫން 2023 ވަނަ ދުވަހު ކަނޑުގެ އަޑީގައި ގޮވައި އެއިން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. ހައްތާވެސް މަޝްހޫރު މަހުޖަނުންނެވެ. އެހެންވީމާ މި ހާދިސާއަށް ދުނިޔޭގެ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. ހުރިހާ ގައުމެއްގައިވެސް އެވާހަކައަށް ސަމާލުކަން ލިބުނެވެ.
މިއީ ވަރަށް ކުޑަކުޑަ ސަބްމެރީނެކެވެ. ނަމަކީ ޓައިޓަންއެވެ. އެއިން ދަތުރުކުރީ އެންމެ ފަސް މީހުންނެވެ. ދިވެހިންނަށް އެ ސަބްމެރިން ސިފަކޮށްދެންޏާ އެންމެ އަވަހަށް ސިފަކޮށްދެވޭނީ އެއީ ވޭލް ސަބްމެރީން ކަހަލަ އެއަށްވުރެވެސް ކުޑަ އިލެކްޓްރިކް ސަބްމެރީނެކޭ ބުނިއްޔާއެވެ. އޭގެ ފަހު ދަތުރުގައި ނުވަތަ ފީނުމުގައި ބައިވެރިވީ ވަރަށް މަޝްހޫރު މަހުޖަނުންކަމަށްވާތީ މުޅިދުނިޔޭގައިވެސް ވާހަކަ ދެކެވޭވަރުގެ ބޮޑު ހާދިސާއަކަށްވީއެވެ. އަހަރުގެ ބޮޑެތި ސުރުޚީތަކުގެ ތެރޭގައި އެ ސުރުޚީވެސް ހިމެނުނީއެވެ. އަހަރުގެ އެންމެ ބޮޑު އެކްސިޑެންޓްގެ ގޮތުގައި މި ހާދިސާ ލިސްޓުވެސް ކުރެވުނީއެވެ. އެއިން ދަތުރުކުރި މީހުންނަކީ އޯޝަންގޭޓް ކުންފުނީގެ ވެރިޔާ އެމެރިކާގެ ސްޓޮކްޓަން ރަޝް، ޓައިޓޭނިކް ދިރާސާކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ ފްރާންސްގެ ޕޯލް އޮންރީ، އިނގިރޭސި މަހުޖަނެއް ކަމަށްވާ ހަމީޝް ހާޑިން، ޕާކިސްތާނުގެ މަހުޖަނެއްކަމަށްވާ ޝާހުޒާދާ ދާއޫދާއި އޭނާގެ ފިރިހެން ދަރިފުޅެވެ.
މި ސަބްމެރީން އޮޮޕަރޭޓްކުރީ އެމެރިކާގެ އޯޝަންގޭޓް ކުންފުނިންނެވެ. އޭގެ ބޭނުން ހިފަމުން އައީ ކަނޑުގެ އަޑިއަށް ފެތިފައިވާ މަޝްހޫރު ބޯޓުފަހަރު ދެކިލުމަށްޓަކައި މުއްސަނދި ފަތުރުވެރިން ފީނުމަށްޓަކައެވެ. ވަރަށް ބޮޑު ފީއަކަށެވެ. މިއީ ވަރަށް ނަފާބޮޑު ވިޔަފާރިއެއްވެސްމެއެވެ. މި އެކްސިޑެންޓް ހިނގުމުގެ ކުރިން އޯޝަންގޭޓް ކުންފުނީގެ ވެރިޔާ ވިދާޅުވެފައިވެއެވެ. ކަނޑުގެ އަޑީގައިވަނީ ކޮންއެއްޗެއްހޭ ސުވާލުކޮށްފިނަމަ އެންމެ ގިނަބަޔަކު ބުނާނީ އެއީ މިޔަރާއި ޓައިޓޭނިކް ކަމުގައެވެ. އެތަކެތި ދުށުމަކީ ވަރަށް ގިނަބައެއްގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދޭނީ މުއްސަނދިންނަށެވެ. އޯޝަންގޭޓް ކުންފުންޏަކީ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ ބައިވެރިޔާއެވެ. ކޮންމެއަކަސް މި ވިޔަފާރީގައި ޓައިޓޭނިކް ކައިރިއަށް ފީނުމުގައި ބޭނުންކުރި އުޅަނދަކީ ޓައިޓަން ސަބްމެރީނެވެ. ޖޫން 18 ވަނަ ދުވަހު މި ސަބްމެރިން ޓައިޓޭނިކް ކައިރިއަށް ފީނީ އެހެން ދަތުރުތައްވެސް ފަދައިން އޮމާން ދަތުރަކަށްވާނެ ކަމުގެ އުންމީދުގައެވެ.
ޓައިޓަން ސަބްމެރީން އޮޕަރޭޓް ކުރަމުން ދިޔައީ އޭގެ މަރުކަޒެއްގެ ގޮތުގައި ޕޯލަރ ޕްރިންސޭ ކިޔުނު އާގުބޯޓެއްގެ އެހީތެރިކަމާއެކުގައެވެ. ގޯހެެއް ހިނގައިފިކަން އެނގުނީ މިދެންނެވި ބޯޓާއި ޓައިޓަން ސަބްމެރީނުގެ މުވާސަލާތު މެދުކެނޑުމުންނެވެ. ސަބްމެރީން ފެނުން މައްޗަށް އަރާން ހަމަޖެހިފައިއޮތް ވަގުތު ފެނުން މައްޗަށް ނޭރީމާ މިދެންނެވި ޕޯލަރ ޕްރިންސްގެ ފަޅުވެރިންވަނީ ކެނެޑާ އާއި އެމެރިކާގެ ރަސްމީ އިދާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ. ސަބްމެރިން ގެއްލިއްޖެކަމަށް ބުނެފައެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތް އެމެރިކާ އާއި ކެނެޑާގެ ތަޖުރިބާކާރުން ކުރަމުންދަނިކޮށް ސަބްމެރީނުގެ އެތިކޮޅުތައް ކަނޑުގެ އަޑިން ފެނުނީ ހަތަރު ދުވަސްފަހުނެވެ. ފެތިފައިވާ ޕެސިންޖަރު ލައިނަރު ޓައިޓޭނިކާ ގާތްގަޑަކަށް 400 މީޓަރު ދުރުންނެވެ. ސަބްމެރިން ފެތިފައިވަނީ އޭގެ ޕްރެޝަރުބައި ގޮވުމުގެ ސަބަބުންކަމާއި މިކަމެއް ހިނގީ ޓައިޓޭނިކްގެ ކައިރިއަށް އަޑިއަށް ފީނުމުގެ ތެރޭގައިކަންވެސް ތަހުގީގަށް ވަނީ ހޯދިފައެވެ.
ޓައިޓަން ސަބްމެރީނުގައި ދެވެނީ ފަހަރަކު ގިނަވެގެން ފަސް މީހުންނަށެވެ. މީހެއްގެ އަތުން އާއްމުގޮތެއްގައި އަތުލަނީ ދެލައްކަ ފަންސާސްހާސް ޑޮލަރުގެ ފީއެކެވެ. ބައެއްފަހަރު އެއްލައްކަ ޑޮލަރުގެ ޑިސްކައުންޓެއްވެސް ދީފައެވެ. ގާތް ރައްޓެހިންނަށެވެ. ސަލާމަތާ ދޭތެރޭ ސުވާލު އުފައްދާ ކަސްޓަމަރުންނަށެވެ. ސަބްމެރީނުގެ ސަލާމަތާމެދު އޯޝަންގޭޓްސް ކުންފުނިން ބުނާ ވާހަކައަކީ މަގެއް ހުރަސްކުރުމަށްވުރެ ސަބްމެރީނުގެ ފީނުން ރައްކާތެރި ކަމުގައެވެ. އެކަމަކު ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމާއި ހޯދަންޖެހޭ ހުއްދަތައް ނުހޯދައި އޮޕެރޭޓްކުރާ ވާހަކައަކީ އާއްމު ވާހަކައެކެވެ. މިވާހަކަތަކުގެ ސަބަބުން އެއްލައްކަ ޑޮލަރުގެ ޑިސްކައުންޓެއް ދީގެންވެސް ބައެއް މީހުން މި ސަބްމެރީނުގައި ފީނަން އެއްބަހެއް ނުވެއެވެ. މައްސަލަ ޖެހުނު ދަތުރުގައި ބައިވެރިވުމަށް އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޖޭ ބްލޫމަށް ދިން ދައުވަތު އޭނާވެސް ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.
އެޓްލާންޓިކް ކަނޑުގެ އަޑިން ޓައިޓަން ސަބްމެރީނުގެ ބައިތައް މިހާރުވަނީ ނަގައިފައެވެ. ސަބްމެރިން ހޯދުމާއި ނެގުމުގެ މަސައްކަތްކުރީ ކެނެޑާ އާއި އެމެރިކާގެ ކޯސްޓްގާޑުންނެވެ. މި އޮޕަރޭޝަނަށް މަދުވެގެން ދިހަ މިލިޔަން ޑޮލަރު ޚަރަދުވިކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ސަލާމަތީ ކަންކަން ފުރިހަމަނުކޮށް ސަބްމެރީން އޮޕަރޭޓްކުރަން ޖެހުނު ސަބަބާމެދު އޯޝަންގޭޓް ކުންފުނިން ބުނަމުން ދިޔައީ އެކަންކަމުގެ ސަބަބުން އީޖާދީ އައު އިސްލާހުތަކަށް ހުރަސްްއެޅޭތީ ނުކޮށް ދޫކޮށްލީ ކަމުގައެވެ. ކޮންމެއަކަސް ޓައިޓަން ސަބްމެރީނުގެ ހާދިސާއާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ވަނީ މިޒާތުގެ ޓޫރިސްޓް ސަބްމެރީން އޮޮޕަރޭޓް ކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށްފައެވެ. މޮނިޓަރ ކުރުންވެސް ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. ކަނޑުގެ އަޑިއަށް ފެތިފައިވާ ކުރީޒަމާނުގެ ބޯޓުފަހަރާއި މަނަވަރުތައް ދުށުމަށް ފީނަން ބޭނުންވާ މަހުޖަނުންގެ އަދަދުވެސް މި ިހާދިސާޔާ ގުޅިގެން ބޮޑުތަނުން ވަނީ މަދުވެފައެވެ. ޓޫރިސްޓް ސަބްމެރިން ސިނާއަތު އޮތީ ހީނަރުވެފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް