މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދާ 32 ޓަވަރުގެ ތެރެއިން ތިން ޓަވަރެއްގެ މަސައްކަތް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުންދާ ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މައުލޫމާތު ދެއްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ އަންނަ މާޗު މަހުގެ ނިޔަލަށް "އުދަރެސް"ގެ ތިން ފްލެޓަކަށް ފެނާއި ކަރަންޓު ލައި، މީހުންނަށް އުޅެވޭވަރު ކުރުން ކަމަށެވެ.

"މީހުން ވެއްދުމުގެ މަސައްކަތް ހަމަ ލިސްޓް ފައިނަލް ވެގެން އަންނަހާ އަވަހަކަށް، މި ޓަވަރަށް އެސައިން ކުރާ ބޭފުޅުންނަށް މި ޓަވަރު ބޭނުން ކުރެވޭނެ އެގްރީމެންޓް ލިބޭއިރު. އެކްސްޓާނަލް ބައެެއް މަސައްކަތްތައް ކުރިއަށްދާނެ މި ދެންނެވި މުއްދަތުގެ ފަހަށް ވިޔަސް" އޭނާ ވިދާޅުވިއެވެ.

ޝަމޫލް ވިދާޅުވީ އެ ފްލެޓުތައް ނިންމަން ބޭނުންވާ މެޓީރިއަލް ހަމަކޮށްފައިވާ ކަމަށާއި ނުލިބި ހުރީ އެ ފްލެޓުތަކަށް ބޭނުންވާ ލިފްޓުތައް އެކަނި ކަމަށެވެ. އަދި ޕާކިން އޭރިއާތަކުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޮންމެ ޔުނިޓަކަށް ސައިކަލު ޕާކުކުރަން އެއް ސްލޮޓް ލިބޭނެ ކަމަށް ވިދާޅުވިއެވެ. ޕާކިން ފްލޭންގައި ކާ ޕާކިން ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާއިރު ފިހާރަތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނޭ އެހެނިހެން ހިދުމަތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަމޫލް ވިދާޅުވިއެވެ. އެގޮތުން ބޭންކުގެ ހިދުމަތާއި ކްލިކް ފަދަ ތަންތަނުގެ ހިދުމަތް ހަމަޖައްސަމުންދާއިރު ފިހާރަތައް ހަދަން ޓެންޑާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.