ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކުގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ ފާސްކުރަން ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައިދެއްވީ އަމީން އާއްމު ފާތުމަތު ނިއުޝާއެވެ.

އެސީޓީފުޅު މަޖިލީހަށް އިއްވެވުމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ކެބިނެޓް މެންބަރުންނަށް މަޖިލީހުން ރުހުން ދިނުން ލަސްވަމުންދާ ސަބަބުތަކުގެ ތެރޭގައި މިނިސްޓްރީތަކުގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ މަސައްކަތްތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައި ނެތުން ހިމެނެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ މައްސަލައަށް ވޯޓަށް އެހުމަށް މިމަހު 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރުހުން ދިނުމަށް ވޯޓަށް އެހުމުގެ ބަދަލުގައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލިއެވެ.

ސަބަބައެއް ކަމަށް ބުނެފައި ވަނީ މިނިސްޓްރީގެ މެއިންޑޭޓް ހުށަހަޅާފައި ނުވާތީ އާއި ފާސްކޮށްފައި ނުވާތީ، މިނިސްޓަރަށް ރުހުންދޭން ފާސްކުރާ އިރު، ރުހުން ދެނީ ކޮން މަސައްކަތްތަކަކަށް ކަން ނޭނގޭތީ އާއި ރުހުން ދިނުމުގެ ރިޕޯޓު ކޮމިޓީން ފާސްކޮށްފައި ވަނީ ގޯސްކޮށް ކަމަށްވާތީއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަކީވެސް ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ތިންވަނަ ދައުރު އިތުރުކޮށްގެން ބޭއްވި ޖަލްސާއެކެވެ. ނަމަވެސް ކޮމިޓީއަށް ފޮނުވައިލި ފަހުން ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް ގެނަސްފައެއް ނުވެއެވެ. އެހެންކަމުން މިއަދުވެސް އެ ކަން ކުރިއަކަށް ނުގެންދެއެވެ.