ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ގަނީ އަބްދުލްހަކީމް ހިމެނޭގޮތަށް އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ގުޅުމަށް ނިންމައިފިއެވެ.
ޕީއެންސީގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން ވަނީ މާދަމާ ރޭ 8:15ގައި ދަރުބާރުގޭގައި ހާއްސަ ޖަލްސާއެއް ބާއްވާކަން ވެސް އިއުލާންކޮށްފައެވެ. އެ ޖަލްސާގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މާދަމާ ރޭ ބާއްވާ އެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ 8 ވަރަކަށް މަޖިލިސް މެންބަރުން ޕީއެންސީއާ ގުޅޭނެއެވެ. ޕީއެންސީއަށް ސޮއިކުރައްވާ މެންބަރުންގެ ތެރޭގައި ކުރެންދޫ ދާއިރާގެ މެންބަރު ގަނީ ހިމެނޭކަން ވެސް އެނގިފައިވެއެވެ. ނަމަވެސް އޭނާގެ އިތުރުން ދެން ހިމެނޭ މެންބަރުންތަކެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ގަނީ އިންތިހާބުވެވަޑައިގެންނެވީ ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް މިދިޔަ މަހު ބޭއްވި އިންތިހާބުގައި ވެސް ގަނީ ވާދަކުރެއްވިއެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބުކުރެއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެސް ގަނީ ވަނީ އޭރު އިދިކޮޅުން ވާދަކުރެއްވި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭގެ އިތުރުން ދާދި ފަހުން މަޖިލީހުގައި ވެސް އޭނާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު