ދިރާގުން އެ ކުންފުނީގެ 2024ވަނަ އަހަރުގެ ކަލަންޑަރު އިފުތިތާހުކޮށްފިއެވެ.
މީރުމާ އިވެންޓް ހޯލުގައި މިރޭ ބޭއްވި ހަފުލާގައި ދިރާގުގެ 2024 ކަލަންޑަރު، 'އިންޓު ދަ ފިއުޗާ' އިފުތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ 2024ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވަރު ކަމަށެވެ. އެގޮތުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭނެ ކަމަށް ބުންޏެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވައި ގައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިއެއް ކަމަށާއި ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެ މީހުންނަށް މިދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ އެއް ކުންފުނި ކަމަށެވެ.
އޭގެ އިތުރުން ދިރާގަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާކުރާ ކުންފުންޏެއް ކަމަށާއި އަންނަ އަހަރުގެ ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލް ރާއްޖެ' އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކުންފުނީގެ އަންނަ އަހަރުގެ ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު 'އިންސްޕަޔާ' ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިރާގުގެ 2024 ކަލަންޑަރުގައި ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމެއް ހިމެނެއެވެ. އެގޮތުން ކަލަންޑަރުގައިވާ ސްނެޕްކޯޑް ސްކޭންކޮށް، ގޭމު ކުޅުމަށްފަހު އެ މީހެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި #DhiraaguCalendarGames ހޭޝްޓެގާއެކު ޕޯސްޓު ކުރެވޭނެއެވެ.
އެ ޕޯސްޓްކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ހާއްސަ ގުރުވަތެއް ބާއްވާއިރު، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ދޭން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު