މި މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުންފުންޏާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ރައީސް ތަސްދީގުކުރެއްވުމުން ގާނޫނަކަށް ބަދަލުވި އެ ބިލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެންނެވެ. އެ ގާނޫނުގައި ރާއްޖޭގައި ކުންފުނި އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި އުވާލުމުގެ ހަމަތަކާއި ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ހިމަނާފައިވެއެވެ.

އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަހްސެއްގެ ގޮތުގައި ކުންފުނި އުފައްދައި ކުންފުނި ރަޖިސްޓްރީ ކުރުމާއި ކުންފުނި ހިންގުމާއި އުވާލުމުގެ ހަމަތަކާއި އެކަމުގެ އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުން ހިމެނެއެވެ.

ކުންފުނި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި އިގުތިސޯދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަކަމާއި ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމާއި އާންމުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.

ކުންފުންޏާ ބެހޭ އާ ގާނޫނުގައި 248 މާއްދާ ހިމެނެ އެވެ. މިހާރު އަމަލު ކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނުގައި އޮންނަނީ 101 މާއްދާއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. މީގެ ކުރިން އަމަލުކުރަމުން އައި ކުންފުންޏާ ބެހޭ ގާނޫނުގައި ކުންފުންޏެއް އުފައްދާނަމަ އެކަކަށް ވުރެ ގިނަ މީހުން ހިއްސާދާރުންގެ ގޮތުގައި ތިބެން ޖެހޭއިރު، އާ ގާނޫނާއެކު އެކަކަށްވެސް ކުންފުނި އުފެއްދޭނެއެވެ.