ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރަތްކުރާ ސްކޫލުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަޅުއްވައިދެއްވައިފިއެވެ.
އާ ސްކޫލުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އުސް އިމާރާތްތަކެއް ހެދި ނަމަވެސް ސިކުނޑިތައް ބިނާނުކުރެވޭނަމަ އެކަމުގެ ފައިދާ ނުކުރާނެ ކަމަށެވެ.
"ސިކުނޑިތައް ބިނާކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް މަޝްރޫއު. އިމާރާތްތައް ވަރަށް އުސްކޮށް ހެދިދާނެ. ކިތަންމެ އުސްކޮށް ވެސް އިމާރާތް ހެދިދާނެ. އެހެންނަމަވެސް އެ އިމާރާތް އެ ހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްގީ ނުކުރެވޭނަމަ ގައުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
އަލަށް ހަދާ ސްކޫލަކީ 1،700 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. އެ ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރާ ސްކޫލެކެވެ. މިއީ ހުޅުމާލެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހަދަން ނިންމި ސްކޫލެކެވެ.
އެ ސްކޫލު ހެދުމުގެ މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު