މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ހިންގުމަށް ނަގާ އިދާރީ ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިފިއެެވެ. މިއީ ޕެންޝަން ގާނޫނު އުފެއްދި ފަހުން އެ އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރެވެ.

ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުން ފެށިގެން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން އަހަރަކު 0.5 ޕަސެންޓް އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން 0.3 ޕަސެންޓް ނަގަން ނިންމާފައިވާ ކަމަށެވެ.

ޕްރީ ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓް ކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ. އަދި މިހާތަނަށް ޕްރީ ރިޓަޔާމަންޓް ފަންޑުންނާއި ޕޯސްޓް ރިޓަޔާމަންޓް ފަންޑުން އިދާރީ ފީ ގޮތުގައި ނަގަނީ 0.6 ޕަސެންޓެވެ.

ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓް ކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓް ކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.

ޕެންޝަން އޮފީހުން ބުނީ، އިދާރީ ފީ ނެގުމުގެ މަގުސަދަކީ ޕެންޝަން ސްކީމް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުން ކަމަށެވެ. އެގޮތުން ހިސާބު ބެލެހެއްޓުމުގެ ހަރަދު، އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދު، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދު، ކަސްޓޯޑިއަންގެ ހަރަދު އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނޭ ކަމަށް ބުންޏެވެ.

ޕެންޝަން ސްކީމުގައި އަމިއްލަ މަސައްކަތްކުރާ މީހުންނާއި މަސްވެރިންނާއި ދަނޑުވެރިންނަށްވެސް އަމިއްލަ އިހުތިޔާރުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. ޕެންޝަން ފަންޑަށް ކޮންމެ މަހަކު، ޖަމާވާނީ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓެވެ. އެ އަދަދު ވަޒީފާ ދޭ ފަރާތުންވެސް ޖަމާކުރަން ޖެހޭނެއެވެ.

އެގޮތުން ޖަމާކުރާ ފައިސާ ޕެންޝަން ގާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުން އިންވެސްޓްކުރެއެވެ. ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ލިބޭ ގޮތަށް ހަމަޖެހިފައިވަނީ، އުމުރުން 65 އަހަރު ފުރި، ރިޓަޔާވުމުންނެވެ.

ނަމަވެސް ރިޓަޔާ ކުރުމުގެ ކުރިން ދެ ހާލަތެއްގައި ޕެންޝަން ފަންޑުން ފައިސާ ނެގިދާނެއެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށް އަދި ފަރުލު ހައްޖު އަދާ ކުރުމަށެވެ. މި ދެ ހާލަތުގައިވެސް އެ ފައިސާ ބޭނުން ކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން އަދި ވަކި ޝަރުތުތަކާއެވެ.